ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނޑުވެރިން އުފައްދާ ތަކެތި އެއަރ ކާގޯގެ ގޮތުގައި އުފުލުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާ އެކުގައެވެ.
މިބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު އައިޝަތު ރަމީލާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނޑުވެރިން އުފައްދާ މޭވާއާއި ތަރުކާރީ އެއަރ ކާގޯގެ ގޮތުގައި މާރުކޭޓުތަކަށް އުފުލުމުގައި ހުރި ގޮންޖެހުންތައް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހިއްސާކުރައްވާފައެވެ. އަދި އެކަން ފަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ މިކަމުގައި ގުޅިގެން މަސައްކަތްކޮށް ދަނޑުވެރިންގެ އުފެއްދުންތައް އެއަރ ކާގޯ މެދުވެރިކޮށް އުފުލުމަށް އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަނޑުވެރިކަމުގެ ތަކެތި އުފުލުން ވެފައިވަނީ އުނދަގޫކަމަކަށެވެ. ވަކިން ޚާއްސަކޮށް މޫސުން ގޯސް ދުވަސްވަރު މިއުނދަގޫ ތަހައްމަލް ކުރަންޖެހޭ މިންވަރު ބޮޑުވެއެވެ.