ދައުލަތެއްގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުން މުހިންމުކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން "ފުލުހުންގެ އާސާރު ދައްކާލުން" ގެ ނަމުގައި ހުޅުވި ޚާއްޞަ މައުރަޒު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖޭގައި ދައުލަތެއް ޤާއިމުވި ހިސާބުން ފެށިގެން، އެކި ނަންނަމުގައި ފުލުހުންގެ ޚިދުމަތް ދެމުން ގޮސްފައިވާކަމަށެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިގު އަދި ފަޚުރުވެރި ތާރީޚެއް އޮތް މުއައްސަސާއެއްކަން ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ފެންނަމުންދާ ރަސްމީ ފުލުހުންގެ ޚިދުމަތަކީ 1932 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ދަށުން އުފެދިގެން އައި ރަސްމީ މުއައްސަސާއެއް ކަމަށެވެ. އަދި ފުލުހުންގެ ތާރީޚުގައި އެންމެ ފުރަތަމަ ހައްލުކުރި އެންމެ ބޮޑު މައްސަލައަކީ، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ކަންކަމުގެ މައްޗަށް ނުފޫޒު ފޯރުވަމުން އައި ބޭރުގެ ފަރާތްތަކުން ހިންގި ހަޅުތާޅު މައްސަލަ ކަމުގައި ވިދާޅުވިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާބިލުކަން ދައްކުވައިދޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތެއް ސަލާމަތުން ދެމިއޮންނާނީ އެ ޤައުމެއްގެ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ކޮންމެ ޚިދުމަތަކުން އެތައް ގިނަ ކަންތައްތަކެއް ރަމްޒުކޮށްދޭ ކަމަށްވެސް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
" މިހާރު ފުލުހުންގެ ޔުނީފޯމަކީ ނުވަތަ ތޮއްޕަކީ ހަމަގައިމުވެސް މިހުރިހާ ކަމަކީ ވަކި މާނަތަކަކާއި އެކީ ރަސްމީކުރެވިފައި ހުރި ކަންކަން. ފުލުހުންގެ ރަސްމީ ރެބަންފަށުން ދައްކުވައިދެނީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން. އެއީ ފަނޑު ނޫކުލައާއި ގަދަ ނޫކުލައިގެ ވިޔުން ގަނޑުން އެ ދައްކުވައިދެނީ ދިވެހި ފުލުހުންނަކީ ދިވެހިންނާއި ދިވެހި ރައްޔިތުންނާއި ގުޅިފައިވާ ބައެއްކަން" ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤައުމުގެ އެތެރޭގެ މަސްލަޙަތު ޤާއިމުކޮށް ދެމެހެއްޓުން ކަމަށާއި، މީގެ ތެރޭގައި ޤައުމުގެ އާންމު ނިޒާމު ބެލެހެއްޓުމާއި، ޤާނޫނު ތަންފީޒުކުރުން ހިމެނޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.