ޚަބަރު

މާލޭގައިހުރި ސީއެޗްއެސްސީގެ ޢިމާރާތުގައި ކިޔަވައިދޭން ފަށައިފި


  • މާލޭގައި ހުރި ޢިމާރަތުގައި ކިޔަވައިދިނުން ހުއްޓަލީ 2023 ވަނަ އަހަރު

  • މާލޭ ޢިމާރާތުގައި ކިޔަވައިދޭން ފެށީ ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭ ސީއެޗްއެސްސީގައި އަލުން ކިޔަވައިދޭން ފަށައިފިއެވެ. ހުޅުމާލޭގައި ސީއެޗްއެސްއީގެ އައު ޢިމާރާތެއް އެޅުމަށްފަހު މާލޭގައިހުރި ސީއެޗްއެސްއީގެ ޢިމާރާތުގައި ކިޔަވައިދިނުން މިދިޔަ ސަރުކާރުގައި ވަނީ ހުއްޓާލާފައެވެ. އެގޮތުން ސީއެޗްއެސްސީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް ސީއެޗްއެސްސީ ޢިމާރާތް މަރާމާތުކުރުމަށްފަހު އަލުން މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައިި މަތީ ޘާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ކިޔައިދޭނެް ފަށާފައިވާކަމަށެވެ. މި ސްކޫލު ވެގެންދާނީ ފުރަމާލޭގައިހުރި މަތީ ޘާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

މި ބަދަލާއެކު، މަތީ ޘާނަވީއަށް އުނގެނުމަށް، ފުރަމާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެކަމަށާއި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ މާލޭގައިހުރި ސީއެޗްއެސްސީ ޢިމާރާތުގައި ކިޔަވައިދޭން ނިންމާފައިވަނީ އޯލެވެލް ނިންމާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އަންނާތީ، އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދިނުމަށްކަމަށެވެ. ސީއެޗްއެސްސީގެ ކުރީގެ އިމާރާތުގައި އަލުން އޭލެވަލް ކިޔަވައިދޭން ފެށިނަމަވެސް ހުޅުމާލޭގައި ހުންނަ ޢިމާރާތުގެ ކިޔަވައިދިނުމަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސްސީއަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.