ޚަބަރު

ހުޅުމާލޭގައި ތަރައްޤީކުރާ އިސްރަށްވެހިންގެ ނާދީ ދެ ހަފްތާތެރޭ ހުޅުވަނީ


  • ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރަން ޙަވާލުކުރީ މާރިޗު 28 ގައި

  • މިހާރު އެތަނުގެ ހުރިހާ މަސައްކަތެއްހެން ވަނީ ނިމިފައި

  • އިސްރަށްވެހިންގެ ނާދީއެއް އެންމެ ފުރަތަމަ ހުޅުވީ މާލޭގައި

ހުޅުމާލޭ "އިސްރަށްވެހިންގެ ނާދީ" / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ތަރައްޤީކުރާ "އިސްރަށްވެހިންގެ ނާދީ" ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާ ޙަވާލުކުރީ މި އަހަރުގެ މާރިޗު މަހުގެ 28ގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޙަލީލް ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީކުރާ އިސްރަށްވެހިންގެ ނާދީގެ ހުރިހާ މަސައްކަތެއްހެން ނިމިފައިވާކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އެތަން ހުޅުވުންކަމަށް ލަހުފާ ވިދާޅުވިއެވެ.

ހުޅުމާލޭ "އިސްރަށްވެހިންގެ ނާދީ" / ފޮޓޯ: އެޗްޑީސީ

ހިޔާ ޓަވަރ 8 ގައި ތަރައްޤީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.

އެގޮތުން އިސްރަށްވެހިންގެ ޞިއްޙީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސްރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކާ ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުން / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީއެސްއެމް ނިއުސް

އެގޮތުން އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން އެންމެ ފުރަތަމަ "އިސްރަށްވެހިންގެ ނާދީ" ހުޅުވާފައިވަނީ މާލޭގައެވެ.

މިސަރުކާރު ކުރިއަށްދާނީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންވެސް ހަވާސާ ވެފައިވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަންދެއްވައިގެން ކަމުގައި އަދުގެ ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގާނީވެސް އެފަދަ ހަވާސާވެފައިވާ ފަރާތްތަކަށް ފުރުޞަތު ދެއްވައިގެންކަމުގައި ސަރުކާރުން ފާހަގަކުރައްވައެވެ.