ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޙަވާލުކުރާނެ ކުންފުންޏެއް މިހާތަނަށް ކަނޑައަޅާފައިނުވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހެން ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓްއަށް ދިނުމަށް ނިންމާފައިވާކަމަށް ބުނެ ފަތުރަމުންދާ ހަޤީޤަތާއި ހިލާފު ވާހަކަތަކާއި ގުޅިގެނެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހުޅުވާލީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބައިނަލްއަޤްވާމީ 36 ކުންފުންޏަކުން ވަނީ ރާއްޖޭގައި ހެލިކޮޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ގިނަ އަދަދެއްގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިނަަމަވެސް ހެލިކޮޕްޓަރުގެ ޚިދުމަތްދިނުމަށް ހަވާލުކުރާނެ ކުންފުންޏެއް މިހާތަނަށް ކަނޑައަޅާފައި ނުވާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދިނުމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑާއި ހަވާލުކުރަން ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި މީގެކުރިން ފޯރުކޮށްދެމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ ދިމާވީ ހިތާމަވެރި ހާދިސާތަކަކާއި ގުޅިގެެން މީގެ އެތައް އަހަރެއް ކުރިންނެވެ. އަދި އަލުން ހެލިކޮޕްޓަރުގެ ޙިދުމަތް ފެށުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޖެނުއަރީމަހުއެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމެވީ އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ ބޮޑީއެއްކަމަށްވާ، ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ އިމަޖެންސީގެ ކުއްލި ހާލަތްތަކުގެ ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލާ ފަރާތަކަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހުއްދަދޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.