ކުޅުދުއްފުށީ ސިޓީގައި ފަށާ ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަޝްރޫޢުގެ މައްސަލަތައް ޙައްލުކޮށް، އެ މަޝްރޫޢު އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހުއްޓިފައި އޮތީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖައްސާ، މަސައްކަތް ކޮންޓްރެކްޓްކުރުމާ ގުޅިގެންނެވެ. ކުޅުދުއްފުށީ ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށް އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
މި މަޝްރޫޢުގެ ދަށުން އަޅަން ނިންމާފައިވަނީ 11 ފަންގިފިލާގެ 5 ޓަވަރެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސައިޓުގައި ފެށި ނަމަވެސް، މަސައްކަތް ހުއްޓުނުއިރު ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތްތައްވެސް އޮތީ ނުފަށެވެ.
ކޮންޓްރެކްޓަރާއެކު އޭރު އެއްބަސްވުން ހަދާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމަންޖެހޭގޮތަށެވެ. ނަމަވެސް މުޅި މަޝްރޫޢުގައި މިހާތަނަށް ނިމިފައިވަނީ %18 މަސައްކަތްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތް ހުއްޓިފައި އޮތީ ނިމުނު ސަރުކާރުން ޕްރޮޖެކްޓް ހަވާލުކުރިއިރު ކޮންޓްރެކްޓަރަށް ދޭންވާ ފައިސާ، އެއްބަސްވުމާ އެއްގޮތަށް ހަމަޖައްސާފައި ނެތުމުގެ ސަބަބުންކަމަށެވެ.
މި މަޝްރޫޢުއަކީ ކުޅުއްދުއްފުށި ސިޓީގެ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި މަޝްރޫޢުއަކަށްވާތީ މަސައްކަތައް އަލުން ފަށާ، އަވަސްކުރަން ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޓައިމްލައިނަށް މަސައްކަތް ނުދާތީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ކޮންޓްރެކްޓަރާ ބައްދަލުކޮށް، މަޝްރޫޢުގެ މަސައްކަތްތައް ދެން ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި މިކަމަށް ޙައްލު ހޯދާ، ވީހާވެސް އަވަހަށް އެ މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ހައުސިންގ ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. މި މަޝްރޫޢުއަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އޭރު ސަރުކާރުން ލަފާކޮށްފައިވެއެވެ.
އިޖުތިމާޢީ ދާއިރާއިން އައު ސަރުކާރުން އެންމެ ބޮޑު މަސައްކަތެއް ކުރައްވަނީ، ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށެވެ. މި މަޝްރޫޢުވެސް ހިމަނައިގެން މުޅި ރާއްޖެއަށް ބަހާލައިގެން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.