ޤައިދީންނަށް ގިނަ ދުވަހު ޖަލުގައި ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއްކަމަށާއި، އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ރިހިބިލިޓޭޓްކޮށްގެން އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ މާފުށީގައި ގާއިމުކުރި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ މިވަގުތުވެސް 1600 އަށްވުރެ ގިނަ ގައިދީން ޖަލުތަކުގައި އެބަތިބިކަމަށެވެ. އެމީހުން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ރައްޔިތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސިޔާސަތެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 އިންސައްތައަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއްކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދިޔަ ނަމަވެސް އަމާންކަމާއެކު ރައްޔިތުންނަށް ނޫޅެވޭނަމަ ޤައުމުގައި ހަމަޖެހުން ނޯންނާނެ ކަމަށެވެ. ވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަ ބައްޓަންކުރުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
"ދުނިޔެ މިއަދު ގަބޫލުކުރަނީ އަނިޔާވެރިކަމެއް ނޫން. ދުނިޔެ މިއަދު ގަބޫލުކުރަނީ އިންޑަސްޓްރިއަލް ރިހެބިލިޓޭޝަން. ނުވަތަ އިންސްޓިޓިއުޝަނަލް ރިހެބިލިޓޭޝަން. ނުވަތަ ކޮމިއުނިޓީ ރިހެބިލިޓޭޝަން. ދައުލަތުގެ ވުޒާރާތަކުން ޤާނޫނީ ހަމަތަކުގެ މަތިން ބޭފުޅަކަށް ހުކުމްކޮށްފައި ޖަލަށް ލާފައި އޭނަ އޮތަށްކަމަކު ޚަރަދު ކުޑަނޫން އެހެން ކަމެއް މީގެ ތެރެއިން ނުއެއްވޭ. އޭނާ ހުކުމް ތަންފީޒު ކުރުމަށްފަހު ނުކުންނައިރު ރަނގަޅު ގައިދީއެއްގެ ގޮތުގައި ނުނުކުމެވޭ،" ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ މާފުށީގައި ގާއިމުކޮށްފައިވާ ސަގާފީ ގޯތީގައި އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް މިހާރު ޖަލުގެ މުވައްޒަފުންނަށް ދަސްކޮށްދީފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެ މަސައްކަތްތައް ގައިދީންނަށް ދަސްކޮށްދޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.