ޚަބަރު

ފަތުރުވެރިކަމަށް 50 އަހަރު ވިއަސް އަންހެނުންނަށް ގޮންޖެހުންތައް ހުރުމަކީ ކަންބޮޑުވާކަމެއް: މެޑަމް ސާޖިދާ


  • ސާޖިދާ މިހެން ވިދާޅުވީ ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ފައްޓަވާދެއްވަމުން

  • ގޮންޖެހުންތައް ނައްތާލަން އެންމެން މަސައްކަތްކުރަންޖެހޭ

ފަތުރުވެރިކަމުގެ ސިނާއަތައް 50 އަހަރު ވެފައިވާއިރު މިސިނާއަތުގައި މަސައްކަތްކުރާ އަންހެނުންނަށް އަދިވެސް ގޮންޖެހުންތައް ދިމާވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އެންމެ %5 ގައި ހުރުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މަދުވުމުގެ އެއް ސަބަބަކީ މި ސިނާއަތުގައި ހުރި މައްސަލަތައްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ބައެއް ރިސޯޓްތަކުގައި އަންހެނުންނާމެދު ތަފާތުކުރުން ގެންގުޅުމާއި، މަތީ ފަންތީގެ މަގާމުތަކަށް ދިއުމަށް އަންހެނުންނަށް ހުރަސްތައް ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ގޮންޖެހުންތައް ނައްތާލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު 50 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރި އިރުވެސް އަދިވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ގޮންޖެހުންތައް ދިމާވުމަކީ އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާކަމެއް. ރިސޯޓްގައި މަސައްކަތްކުރާ އަންހެނުންނާއިމެދު މުޖްތަމައު ދެކޭގޮތް ބަދަލުކުރަންޖެހޭ." ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުމުގެ މުހިންމުކަމާއި މެދު މުޖްތަމައު ހޭލުންތެރިކުރަންޖެހޭކަމަށެވެ. މި ކޮންފަރެންސްގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އެކަންކަމަށް ހައްލު ލިބުމަށް މަގުފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިއީ މާދަމާގެ ޖީލަށް ކޮށްދެވޭނެ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ސިފަކުރައްވާފައެވެ.