ޚަބަރު

މަޓާޓޯގެ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ފުރަތަމަ ވިމެންސް އެޑިޝަން މާދަމާ


  • މި ކޮންފަރެންސް އޮންނާނީ މާދަމާ

  • މިއީ މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރު

  • 2 މައުޞޫއަކަށް ވާހަކަދައްކާނެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯއިން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން މާދަމާ އޮންނާނެއެވެ. މިއީ ވިމެންސް އެޑިޝަން ބާއްވާ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ، މަޓާޓޯގެ ފަރާތުން ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ބާއްވަމުން އަންނަކަމަށެވެ. ނަމަވެސް މިއީ ޓްރެވެލް ކޮންފަރެންސްގެ ތެރެއިން ވިމެންސް އެޑިޝަން ބާއްވާ ފުރަތަމަ ފަހަރުކަމަށް އޭނާ ވިދާޅުވިއެވެ.

"މަޓާޓޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން. ވިމެންސް އެޑިޝަންގެ ފުރަތަމަ އެޑިޝަން މިއީ. ހުސް ފީމެއިލް ޕެނަލިސްޓް ލައިގެން އަންހެނުންނަށް ޚާއްސަ 2 މައުޞޫއަކަށް ވާހަކަދައްކަން ހަމަޖެހިފައިވަނީ." ސޫޒަން ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް އަންހެނުންނަށް ދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ އަންހެނުންނަށް މުޖްތަމައުގެ ފަރާތުން ކުރިމަތިވާ ކަންކަމުގެ މައްޗަށެވެ.

ކޮންފަރެންސްގެ ޕެނަލިސްޓުންގެ ގޮތުގައި ތިބޭތީ މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު އަންހެނުންނެވެ. އޯޑިއަންސްގައި އަންހެނުންނާއި ފިރެހެނުންވެސް ތިބޭނެކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ. އެ ފަރާތްތަކުގެ ތަޖުރިބާއަށް ބަލައި އެކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކާނެއެވެ.

1 ދުވަހުގެ މުއްދަތަކަށް ބާއްވާ މި ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ކޮންފަރެންސް ކުރިއަށްއޮތް ތަނުގައި އަތޮޅުތަކުގައިވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.