ޚަބަރު

ބަރަހަނާ ކޮންޓެންޓް ހިމެނޭ ވެބްސައިޓްތައް ބްލޮކް ކުރަނީ


ބަރަހަނާ ކޮންޓެންޓް ހިމެނޭ ވެބްސައިޓްތައް ކުރިއަށް އޮތް މަހެއް، ދެމަހެއްހާ ދުވަހުގެ ތެރޭގައި ނުވަދެވޭނެގޮތަށް ބްލޮކް ކުރައްވާނެކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައިވެސް މިފަދަ ސައިޓްތައް ހުއްޓުވުމުގައި ކުރާ މަސައްކަތް ސައްތަ އިންސައްތަ ކާމިޔާބު ނުވާކަމަށެވެ. 

އެހެންނަމަވެސް ރާއްޖޭގައި މިކަން ފުރަތަމަ ފަށައިގަންނައިރު އެންމެ ކުޑަމިނުން 50 އިންސައްތަ ކާމިޔާބުވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.  މިނިސްޓަރ ޢުމަރު ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށެވެ. ބޭރުގެ ބައެއް ޤައުމުތަކުގައި މިކަން ކުރައްވަނީ ވަރަށް އަގޮބޮޑުކޮށް ކަމަށާއި، ނަމަވެސް ރާއްޖޭގައި އެހާ އަގުބޮޑުކޮށް އެކަން ކުރެވެން ނެތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހެޔޮ އަގެއްގައި ރާއްޖޭއަށް އެންމެ އެކަށޭނެ މޮޑެލްއެއް ބޭނުންކުރަން ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބަރަހަނާ ކޮންޓެންޓް ހިމެނޭ ހުރިހާ ސައިޓްތައް ބްލޮކްކުރުމަކީ ވަރަށް އުނގޫކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިކަމަށް އޮތް އެންމެ ބޮޑު ދައްޗަކީ، މަޝްހޫރު ސައިޓްތައް އެތައްހާސް އެޑްރެސްއެއްގައި ވަދެވޭގޮތަށް ހުރުންކަމަށެވެ. ސަބަބަކީ އެފަދަ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ހައްދަވަންޖެހެނީ އެފަދަ ސައިޓްތަކުގެ އެޑްރެސްތައް ބްލޮކް ކުރުންކަމަށްވާތީކަން މިނިސްޓަރ ޢުމަރު ފާހަގަކުރެއްވިއެވެ. އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދުނިޔޭގައި، މިކަން އެންމެ ކާމިޔާބުކަމާއެކު ކުރަމުންދާ ޤައުމުތައް ދެނެގަނެ، އެކަން ރާއްޖޭގައި އެންމެ ކާމިޔާބުކޮށް ކުރެވޭނެ ގޮތްތައް ދިރާސާ ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.އިންޓަރނެޓް މެދުވެރިކޮށް ބަރަހަނާ މަންޒަރު ދައްކުވައިދޭ އެކިއެކި ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެއްދެވުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހޯމް މިނިސްޓަރަށް ދަންނަވާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ހޯމް މިނިސްޓަރު ޢުމަރު ނަޞީރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވަޞީލަތްތަކުގެ ސަބަބުން ތަފާތު ކުށްތަކަށް މަގުފަހިވާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ އިސްލާމީ އުޞޫލްތަކާ މުޅިން ޚިލާފް ކަންތައް ކަމަށްވެފައި މުޖްތަމަޢުގެ އަޚްލާޤް ދެމެހެއްޓިގެންދަނީ ކުށްތަކަކަށް މަގުފަހިވާ ކަންކަން ހުއްޓުވިގެން ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެފަދަ ވެބްސައިޓްތަކަށް ވަނުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅައިދިނުމަށާއި އަޅާ ފިޔަވަޅުތައް އަންގަވައިދެއްވުމަށްވެސް ޕީޖީ އޮފީހުން އެދިވަޑައިގެންފައިވެއެވެ.