ބޭބީ ޝެރަމީން "ސާފު ދިވެހިރާއްޖެ"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ބާއްވައިފިއެވެ.
މި މުބާރާތަކީ ބޭބީ ޝެރަމީގެ ބްރޭންޑް އެމްބެސެޑަރ މަރްޔަމް ޝުހާނާއާއި އޭޓީ ސޮލިއުޝަންއާއި، ތިމާވެށީގެ ޖަމްޢިއްޔާ ކްލީން މޯލްޑިވްސް އަދި ގާޒީ ސްކޫލާ ގުޅިގެން ކުރިއަށް ގެންދެވުނު ޚާއްޞަ މުބާރާތެކެވެ.
މި މުބާރާތުގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒީނާ ވިދާޅުވީ ކުރެހުމަކީ ކޮންމެ ދަރިވަރަކަށްވެސް ހިތްހަމަޖެހުން ލިބިދޭނެ ހަރަކާތެއްކަމަށެވެ. އަދި ސްކޫލުގައި ކިޔެވުމަށް ހޭދަކުރާ ވަގުތަށްފަހު، މިފަދަ އުފެއްދުންތެރި ހަރަކާތެއްގައި ބައިވެރިވުމަކީ ދަރިވަރުންނަށް ނަފްސާނީ ގޮތުން ލުޔެއް ލިބި، ހާސްކަމާއި ދުރުހެލިވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ޒީނާ ވިދާޅުވިއެވެ.
މުބާރާތުގެ ތީމްއަކަށް "ސާފު ދިވެހިރާއްޖެ" ހަމަޖައްސާފައިވާއިރު ޒީނާ ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް، ސާފުތާހިރު ދިވެހިރާއްޖެއެއްގެ ގޮތުގައި މި ޤައުމު އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ޔަޤީން، ކޮންމެ ދަރިވަރަކުވެސް ބޭނުންވާނީ ސާފުތާހިރު ދިވެހިރާއްޖެއެއް ދެމެހެއްޓުމަށް. ތިޔަ ހުރިހާ ކުދިން ކުރަހަމުންދިޔައިރު، ޒީނާ ދައްތައަށް ފާހަގަކުރެވުނީ ސާފު އުޑާއި، ރީތި މޫދާއި، މި ހުރިހާ ކަމެއް ގުޅިލާމެހިފައިވާ މަންޒަރު. ހުރިހާ ކުދިންވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ވާޞިލުވުމަށް" ޒީނާ ވިދާޅުވިއެވެ.
ޒީނާ ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރަކު ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށްދިއުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ބޭބީ ޝެރަމީގެ ބްރޭންޑް އެމްބެސެޑަރ މަރްޔަމް ޝުހާނާ ވިދާޅުވީ މި އަހަރު ކުރެހުމުގެ މުބާރާތް ބޭއްވުމަށް ހޮވާފައިވަނީ ޣާޒީ ސްކޫލްކަމަށެވެ. އަދި ޣާޒީ ސްކޫލްގެ މެނޭޖްމަންޓާ ގުޅިގެން މުބާރާތުގައި ބައިވެރިވާނެ ދަރިވަރުން ހޮވީ މި މަހުގެ 10 ވަނަ ދުވަހުކަމަށްވެސް ޝުހާނާ ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ ޣާޒީ ސްކޫލްގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6އާ ހަމައަށް ކިޔަވާ ދަރިވަރުންގެ ތެރެއިން 50 ދަރިވަރެކެވެ.
މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ހަރަކާތްތެރިވީ ކްލީން މޯލްޑިވްސްގެ ސެކްރެޓަރީ އަދި ޑިޖިޓަލް ކުރެހުންތެރިއެއް ކަމުގައިވާ އައިޝަތު އުޝާއެވެ. އުޝާ ވަނީ މުބާރާތުގެ ބައިވެރިންނަށް ޚާއްޞަކޮށްގެން 30 މިނިޓުގެ ކުރެހުމުގެ ކުލާހެއްވެސް ކުރިއަށް ގެންގޮސްދީފައެވެ.