ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޝަމީމް ވަކިކުރަން ކޮމިޓީއަށް


  • މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

  • މަގާމު މަސްއޫލިއްޔަތު އަދާނުކުރައްވާކަމަށް ތުހުމަތުކުރައްވާ

ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ވަނީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ފާސްކުރައްވާފައެވެ.

މެންބަރު ޝާހިދު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަންވާ ބޭފުޅަކީ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް މަސައްކަތް ކޮށްގެންވާނެ މީހެއްނޫން ކަމަށާއި، އެއްވެސް ނުފޫޒެއްގެ ދަށުގައިވާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށެވެ. އަދި ޕީޖީގެ ބާރުތައް ބޭނުން ކުރަން ވާނީވެސް ވަކި ފަރާތަކަށް މަންފާއެއް ހޯދައިނުދީ، ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

ނަމަވެސް ޕީޖީގެ މަޤާމުގައި ހުންނެވި ޙުސައިން ޝަމީމް އެ މިންގަނޑާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް މެންބަރު ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވެއެވެ.

ޝަމީމަށް ކުރައްވާ ތުހުމަތުތައް:

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.
- މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.
- ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.
- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.
- ބަނގުރާއާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.
- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.
- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.
- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

މި ތުހުމަތުތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރެއްވުމަށް، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ޖުޑީޝަރީ ކޮމިޓީއަށް ހުށައެޅުއްވި މައްސަލާގައި ވިދާޅުވެފައިވެއެވެ.