ޚަބަރު

ކުޑަކުދިން ކުށުން ދުރުކުރުމަށް ހަދާ ރަށުގެ ކުރެހުމުގެ މަސައްކަތް ނިމިއްޖެ: ދާޚިލީ ވަޒީރު


  • "ހޯޕް އައިލެންޑު"ގެ ގޮތުގައި ކަނޑައަޅާފައިވަނީ ދ. ވާނީ

  • އެތަނުގައި އެއްފަހަރާ 400 ކުދިން ރިހެބިލިޓޭޓް ކުރެވޭނެ

  • ކުރިއަށްއޮތީ ފައިނެންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އިޙްސާން ހާމަކުރައްވާފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑު"ގެ ގޮތުގައި ހަމަޖައްސާފައިވަނީ ދ. ވާނީއެވެ. ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، "ހޯޕް އައިލެންޑް"ގެ ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ކުރިއަށްއޮތީ ފައިނެންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިފެށޭ ހަފްތާގެ ތެރޭގައި ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ހޯޕް އައިލެންޑް"ގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިިންމާފައިމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމަވާފައެވެ.

ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15-18 އަހަރާ ދެމެދެވެ. ނަމަވެސް، ކުއެ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ މިންވަރު އިތުރުވެފައިވާތީ ކަމަށާއި، އެ ކުދިންވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށްލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެކަމަށާއި އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.