ޚަބަރު

ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިތިބީ ސާބިތުކަމާއެކު: ޚާރިޖީ ވަޒީރު


  • އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި

  • ރާއްޖެއަށް އިންޑިއާއިން އަބަދުވެސް އެހީވާނެކަމަށް ވިދާޅުވި

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގައި ސާބިތުކަމާއެކު ތިއްބަވާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން ބައްދަލުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި މިހާތަނަށްވެސް އެކި ދާއިރާތަކުން އެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި އިޤްތިޞާދާއި ޓްރޭޑް އެންޑް އިންވެސްތްމަންޓުގެ ދާއިރާއާއި ތައުލީމާއި މީހުން ބިނާކުރުމާއި ޞިއްޙަތާއި ފަތުރުވެރިކަމާއި ކުޅިވަރާއި ދިފާޢީ ދާއިރާއާ ގުޅުންހުރި ކަންކަމާއި ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމާއި ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ޓެރަރިޒަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އިންސާނީ ޙައްގުތައް ރައްކާތެރިކުރުމުގައި ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުމެއް ކަމަށްވާ ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުން ހުށަހަޅާފައި. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިކުރުމުގައި ގިނަ ލުއިތަކެއް ވެގެންދާނެ،" ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ވިދާޅުވީ ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ދެ ޤައުމުން ގުޅިގެން ކުރާ ކަންކަމުގެ އަސަރު ރައްޔިތުންގެ ދިރިއުޅުމަށް ސީދާގޮތުން ކުރާކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކު ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތައް ބައްލަވައި އެދާއިރާތަކުން ޤައުމުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާކަން ފާހަގަކުރައްވައި ޖަޔަޝަންކަރު ވިދާޅުވީ މިފަހަރުވެސް އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން އަދި ދިފާޢީ ދާއިރާއިން ގުޅިގެން ކުރެވެން ހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އިންޑިއާއިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބައާއި މަންފާއަށް. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް،" އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވާ ވިދާޅުވުން ޖަޔަޝަންކަރު ވަނީ ތަކުރާރުކުރައްވާފައެވެ.