ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ ނުވަތަ ސީނުކަރައަކީ، އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ޤައުމެކެވެ.
އެކި ދާރާތަކުން ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކާ އެޤައުމުންކުރާ ތަޖުރިބާތައް އެކި ޤައުމުތަކުގެ ތަފާތު ދާއިރާތަކުގެ މީހުންނާ ޙިއްސާކުރުމުގެ ފުރުޞަތު މީގެ އަހަރުތަކެއް ކުރިން ފެށިގެން އެގައުމުން ފަހިކޮށްދެއެވެ.
އެގޮތުން ރާއްޖޭގެ މީޑިއާތަކުގެ ފަރާތްތަކާއި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށްވެސް އެ ފުރުޞަތު ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޗައިނާ ބަންދުކުރުމާހަމައަށް ދިޔައީ ދެމުންނެވެ.
4 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފުޖިއާން ޕްރޮވިންސާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެން އިންތިޒާމްކުރި މި ދަތުރުގައި ދިވެހި މީޑިއާތަކުން 9 ނޫސްވެރިން ބައިވެރިވިއެވެ. ޖުލައި 30 އިން މިމަހުގެ 6 އަށް ޗައިނާއަށް ކުރި މިދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރު ފެށީ ފުޖިއާންޕްރޮވިންސްގެ ޝިއަމެން ސިޓީއާއި މާލެއާ ދެމެދު ފެށުނު ސީދާ ވައިގެ ދަތުރުގެ ފުރަތަމަ ފްލައިޓުގައެވެ. މި ދަތުރުގެ ބައިވެރިން ޖުމްލަ 4 ސިޓީއަކަށް ޒިޔާރަތްކޮށްފައިވެއެވެ.
ދަތުރުގެ ފުރަތަމަ މަންޒިލަކީ ޗައިނާގެ އެންމެ ހިތްގައިމު ސިޓީތަކުގެ ތެރޭގައި ހިމެނޭ ޝިއަމެން ސިޓީއެވެ. އެ ސިޓީން ވަނީ ތަރައްޤީގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ.
ޝިއަމެން ސިޓީގައި ނޫސްވެރިން ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި ވޫޔުއަން ބޭ ވެޓްލޭންޑްސް ޕާކް، ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ގަދީމީ ރަށެއް ކަމުގައިވާ ގުލަންގުޔު އައިލެންޑް، ޝިއަމެން ފްރީ ޓްރޭޑް ޒޯން، ފުޖިއަން މެރިން ފިޝަރީޒް ސައިންސް މިއުޒިއަމް އަދި މެރިޓައިމް ޕަބްލިކް ސާރވިސް ސެންޓަރ ހިމެނެއެވެ.
މި ދަތުރުގެ ދެވަނައަށް ނޫސްވެރިން ޒިޔާރަތްކުރީ ފޫޖިއާން ޕްރޮވިންސްގެ ޗުއަންޖޯ ސިޓީއަށެވެ. ޗުއަންޖޯއަކީ ފޫޖިއާންގެ އެންމެ އާބާދީ ބޮޑު އަދި ޕޯޓް ސިޓީގެ ގޮތުގައި މަޝްހޫރުކަން ލިބިފައިވާ ތަނެކެވެ. ޗުއަންޖޯއަށް ޒިޔާރަތްކުރުމަށްފަހު، ނޫސްވެރިން ދަތުރު ކުރިއަށް ގެންދިޔައީ އެ ސިޓީގެ ބެލުމުގެ ދަށުން ހިންގާ ޖިންޖަންގް ކައުންޓީ ލެވެލް ސިޓީއަށެވެ. ޖިންޖަންގްއަކީ މަޝްހޫރު ކުޅިވަރު އަންނައުނު ބްރޭންޑް 'އަންޓަ' އުފަންވި ސިޓީއެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވާ އަންޓާ ގްރޫޕްގެ މައި އޮފީހަށް ނޫސްވެރިން ޒިޔާރަތްކުރިއެވެ. މީގެއިތުރުން، މި ސިޓީގައި ނޫސްވެރިން ދިޔައީ ޖިންޖިއަންގް އެކްސްޕީރިއަންސް ޑިސްކަވަރީ ހޯލް އަދި ގިންޖިންގް މިސްކިތާއި ޖުއަންޒޯ މެރިޓައިމް މިއުޒިއަމްއެވެ.
މުހިންމު މަޢުލޫމާތުތަކާއެކު، ނޫސްވެރިން ދަތުރުގެ ތިންވަނަ މަންޒިލް ކަމުގައިވާ ޕިންގްޓަންއަށް ދަތުރު ކުރިއެވެ. ޕިންގްޓަންއަކީ ފޫޖިއާން ޕްރޮވިންސްގެ އެންމެ ބޮޑު ޖަޒީރާ އަދި ޗައިނާގެ ވެރިކަން ހިންގާ ސަރަޙައްދުތަކުގެ ތެރެއިން ބޮޑުމިނުގެ ގޮތުން ފަސްވަނައަށް އެންމެ ބޮޑު ޖަޒީރާއެވެ. ޕިންގްޓަން ކައުންޓީގައި ޓައިވާން ސްޓްރެއިޓްގެ 126 ޖަޒީރާ ހިމެނެއެވެ. މި ދަތުރުގައި ނޫސްވެރިން ޕިންގްޓަންގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އެސްޓްރޮނޯމިކަލް ރިސާރޗް ސެންޓަރަށާއި ބިއެގަންގ ވިލެޖަށް ޒިޔާރަތްކުރިއެވެ. ބިއެގަންގ ވިލެޖަކީ ވައިގެ ހަކަތަ އުފެއްދުމަށް ގިނަ އަދަދެއްގެ ވިންޑްމިލްތައް ހަރުކޮށްފައިވާ ރަށެކެވެ. މި ރަށުގެ ހިތްގައިމު މަންޒަރުތައް ބަލައިލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަޝްހޫރު ރަށެކެވެ.
ޗައިނާގެ ފުޖިއަން ޕްރޮވިންސްއަށް ކުރެވުނު މި ތަޖްރިބާގެ ދަތުރުގައި، ނޫސްވެރިންގެ އެންމެ ފަހު މަންޒިލުގެ ގޮތުގައި ދިޔައީ މުހިންމު ދެ ސިޓީއެކެވެ. އޭގެ ތެރެއިން އެއް ސިޓީއަކީ ފޫޖިއާން ޕްރޮވިންސްގެ ވެރިރަށް ކަމުގައިވާ ފޫޖޯއެވެ. އަނެއް ސިޓީއަކީ ސިނާޢީ އަދި ދަތުރުފަތުރުގެ މުހިންމު މަރުކަޒެއް ކަމުގައިވާ ޖޫޖޯ ސިޓީއެވެ.
މި ދަތުރުގައި ނޫސްވެރިން ވަނީ ފުޖޯގެ "ތްރީ ލޭންސް ސެވެން އެލޭސް" އާއި "ފުޖިއާން އިންޓަރނޭޝަނަލް ކޮމިއުނިކޭޝަން ސެންޓަރަށް" ޒިޔާރަތްކޮށްފައެވެ. ފުޖިއާން އިންޓަރނޭޝަނަލް ކޮމިއުނިކޭޝަން ސެންޓަރަކީ ގިނަ މީޑިއާ ވަސީލަތްތަކެއް އެތަނުގައި ގާއިމްވެތިބޭ މަރުކަޒެކެވެ. ނޫސްވެރިކަމާ ސީދާ ގުޅުންހުރި މި މަރުކަޒަކީ، ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ ޝައުޤުވެރިކަން އިންތިހާއަށް ލިބުނު ތަނެކެވެ.
ޗައިނާއަށް ކުރިދަތުރުގައި ނޫސްވެެރިންނަށް އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އެ ޤައުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ ފުރިހަމަކަމެވެ. ބޮޑު ޤައުމަކަށްވީ ނަމަވެސް، އެތަނުގެ ސާފުތާހިރުކަމާއި ރައްޔިތުންގެ ތަހުޒީބުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
މީގެ އިތުރުން ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ކިޔަމަންތެރި ރައްޔިތަކު ދިރިއުޅޭ ޗައިނާއަކީ އެފަދަ ކަންކަމުގައި އަޅުގަނޑުމެންނަށްވެސް ނަމޫނާ ނެގިދާނެ ޤައުމެއްކަން ދަތުރުގެ ބައިވެރިންނަށް ގަބޫލުކުރެވުނެެވެ. ޤައުމެއް ތަރައްޤީކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުން ލިބޭނެ ކާމިޔާބީގެ ރަމްޒެއްގެ ގޮތުގައި ޗައިނާ ފާހަގަކުރެވެއެވެ.