ޚަބަރު

މިއަހަރުގެ 2 ވަނަ ކުއަރޓާގައި އާސަންދަ ސްކީމުން 823 މިލިޔަން ރުފިޔާ ޚަރަދުކުރި


  • މިއީ %11.5ގެ އިތުރުވުމެއް

  • ޚިދުމަތް ހޯދީ 265،059 މީހުން

  • ރާއްޖެއިން ބޭރުން 2،807 މީހުން ފަރުވާ ހޯދި

މިއަހަރުގެ 2 ވަނަ ކުއަރޓާގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ޚަރަދުކޮށްފައިވާ އަދަދެވެ.

އާސަންދައިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2 ވަނަ ކުއަރޓާގައި އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދު 823 މިލިޔަން ރުފިޔާގައި ހުރިއިރު މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %11.5 ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 738 މިލިޔަން ރުފިޔާއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދު 260،725 ގައި ހުރިއިރު، މި އަހަރު މި ޢަދަދުވަނީ 265،059 އަށް އިތުރުވެފައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޖުމުލަ 2،807 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ.

އާސަންދަ ސްކީމް ހަރުދަނާކޮށް އިތުރު ޚިދުމަތްތައް ވެސް އެ ސްކީމުގެ ދަށުން ލިބޭ ގޮތްތައް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން، އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ސިއްޙީ ޚިދުމަތްތަކުގެ އަގުބޮޑުވުމުގެ ސަބަބުން އާސަންދައިން ކުރަންޖެހޭ ހޭދަވެސް އިތުރުވެއެވެ. އެހެންވެ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެވޭ ސިއްޙީ ޚިދުމަތުގެ އަގު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.