މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަސްވެރިން ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ދަފްތަރު އެކުލަވާލެއްވުމަށްފަހު އެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވީ، އެ ވުޒާރާގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަންކުރާ ހުރިހާ އުޅަނދެއް ދަފްތަރުގައި ރަޖިސްޓްރީވެގެން ދިއުންކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ބޭންކްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ސްކީމްތަކަށް ދަފްތަރުގައި ރަޖިސްޓްރީވާ އުޅަނދުތަކަށް އެކްސެސްވެވޭނެ ފަސޭހަ ނިޒާމެއް ހޯދުމުގެ މަސައްކަތްކަމަށްވެސް ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ ސަރުކާރުން ހުޅުވާލާ ލޯނުތަކަށް އެދި ހުށަހެޅޭނީވެސް ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށްކަމަށާއި ދަފްތަރުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިކަމުގެ ސިނާއަތައް ވަށާޖެހޭ ހައްލެއް ހޯދުންކަމަށެވެ.
"މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މިއުޅެނީ ގާތްގަނޑަކަށް 470 ވަރަކަށް އުޅަނދު. 200 ވަރަކަށް އުޅަނދު މިހާރުވެސް އަޅުގަނޑުމެންގެ ދަފްތަރުގެ ތެރެއަށް ވަދެވިއްޖެ. އެހެންވީމަ އެ ސިސްޓަމްގެ ތެރެއިން އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ގިނަ އުޅަނދުފަހަރު ސިސްޓަމްގެ ތެރެއިން ރަޖިސްޓްރީވެގެން އެ މަސައްކަތް ކުރިއަށް ގެންދިއުން." ޑރ.ހުސައިން ސިނާން ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލެއްވުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރުވަމުންދާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށެވެ.
މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.