ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް ފުރިހަމައަށް އަދާކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީޤުކުރިތާ 16 އަހަރު ފުރުމާއި ގުޅިގެން އެކަމަށް އަލިއަޅުއްވާލައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަސްދީގުކުރެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރެއްވި ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
"ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދީފައިވާ ޙައްގުތައް ކަށަވަރުކުރުމުގައި އަދި ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން." އަބްދުއްރަޙީމް ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، އެ ޤާނޫނުއަސާސީ ތަސްދީޤުކޮށްފައިވަނީ 7 އޯގަސްޓް 2008ގައެވެ. މި ޤާނޫނުއަސާސީއަށް އަަމަލުކުރަމުންދާތާ 16 އަހަރު ފުރިފައިވާއިރު، ޤާނޫނުއަސާސީން އެންމެ ބޮޑު ބާރެއް ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަންވެސް ފާހަގަކޮށްލެވެއެވެ.