ޚަބަރު

ތޮއްޑޫ ދަނޑުވެރިންގެ މާރުކޭޓުން ކިއޮސްކްތައް ކުއްޔަށް ހިފަން ހުޅުވާލައިފި


  • މިތަން ދޫކުރާނީ ހަމައެކަނި ތޮއްޑޫ ރައްވެހިންނަށް

  • 18 އޮގަސްޓްއާއި ހަމައަށް ވަނީ ހުޅުވާލާފައި

  • އަގަކީ 3500 ރުފިޔާ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން އއ. ތޮއްޑޫގައި ޤާއިމްކުރާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށްކަމަށް ބީސީސީއިން ވަނީ ބުނެފައެވެ.

ބީސީސީއިން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގުވުމާއެކު އެ ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ޤާއިމު ކުރާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިތަނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ކިއޮސްކެކެވެ.

މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށް ބީސީސީއިން ވަނީ އެދިފައެވެ. ބީސީސީއިން ވިދާޅުވީ، މި ކިއޮސްކްތައް ދޫކުރާނީ 2 އަހަރުގެ މުއްދަތަކަށް ކަމަށެވެ. ކިއޮސްކެއްގެ އަގަކީ 3500 ރުފިޔާއެވެ. މި ކިއޮސްކްތައް ދޫކުރާނީ 18 އަހަރުން މަތީގެ ތޮއްޑޫ ރައްވެހިންނަށް އެކަންޏެވެ.

ބީސީސީއިން ވިދާޅުވީ، މިފަދަ މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރާ ފަރާތްތަކަށް ބާޒާރު ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށެވެ.

ތޮއްޑޫއަކީ ރާއްޖޭގައި ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުބައެއް ބޭނުންކުރަނީ ދަނޑުވެރިކަމަށެވެ. އަދި މާލޭގެ ބާޒާރަށް ގެންނަ ދަނޑުވެރިކަމުގެ ގިނަ ބާވަތްތައްވެސް ހިއްސާކުރަނީ ތޮއްޑޫއިންނެވެ.