ރާއްޖޭގައި، ޑެންގީ ކޮންޓްރޯލްކުރުމަށް ޑޭޓާ ބޭސްއެއް ޤާއިމްކުރެއްވުމާއެކު، ކަމާބެހޭ ހުރި ދާއިރާތައް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ބަޔާންކުރައްވައި ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވާހަކަފުޅު ދައްކަވައިފިއެވެ.
އެކަމަނާ މިކަމާބެހޭގޮތުން ވާހަކަފުޅުދެއްކެވި މިއަދު ބޭއްވި، ކޮމަން ވެލްތުގެ މެމްބަރު ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންގެ އަހަރީ ބައްދަލުވުމުގައެވެ. ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ބަޔާނުގައި، ރައީސް ޔާމީނުގެ ސަރުކާރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. އެގޮތުން، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފާމަސީ ޤާއިމްކުރެއްވުމާއި، ކަނޑާއި، އެއްގަމާއި ވައިގެ މަގުން އެމްބިއުލާންސްގެ ޚިދްމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ބަޔާން ކުރައްވާފައިވެއެވެ. އަދި ހުރިހައި ރައްޔިތުންނަށް ހަމަހަމަ އުޞޫލެއްގެ ދަށުން ޞިއްޙީ ފަރުވާ ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ޞިއްޙީ ދާއިރާއަށް ކުރައްވާ ޚަރަދު 14 އިންސައްތަ އިތުރު ކުރެއްވުން ހިމެނެއެވެ.
img:http://s3.psmnews.mv/images/660x400/14639346553758.jpg|ކޮމަން ވެލްތުގެ މެމްބަރު ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންގެ އަހަރީ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޖެނީވާ މިޝަން
ކޮމަންވެލްތު ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންގެ މި ބައްދަލުވުމުގައި މަޝްވަރާތައް ބިނާ ކޮށްފައިވަނީ " ހެލްތު ސެކިއުރިޓީ އެންޑް އެކްސެސް ޓު ޔުނިވަރސަލް ހެލްތު ކަވަރޭޖް" މިމައުޟޫއަށެވެ. އެގޮތުން ޞިއްޙީ ޚިދްމަތްތައް އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ޞިއްޙަތައް ކުރާ އަސަރުތަކާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން، އެކުލަވާލާފައިވާ "އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަން" ގެ ދަށުން ޒިކާ ވައިރަސްއާ ދެކޮޅަށް މެމްބަރު ޤައުމުތަކުން ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށެވެ. އަދި ދުޅަހެޔޮ ޞިއްހަތަކަށް މަގުފަހިވާފަދަ ގޮތަކަށް ޞިއްޙީ ދާއިރާގެ އެކި އެކި ޚިދްމަތްތަކާއި ސިޔާސަތުތައް ހަރުދަނާކުރުމާ ބެހޭގޮތުންވެސް މެމްބަރު ޤައުމުތަކުގެ މެދުގައި މިއަދު މަޝްވަރާ ކުރެވިފައިވެއެވެ.
މީގެ އިތުރުން ކޮމަން ވެލްތު މެމްބަރު ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި، ޞިއްހީ ދާއިރާގެ ޒިންމާދާރުވެރި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނޭ ގޮތްތަކާބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.