މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ފައިދާގެ ގޮތުގައި މިހާތަނަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޕެންޝަން އޮފީހުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް ޕެންޝަން އޮފީހުގެ ޑިރެކްޓަރ އިންވެސްޓްމަންޓް އައިމިނަތު އިރާޝާ ވިދާޅުވީ، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ފަންޑު ވެލިއު އަކީ 19 ބިލިއަން ކަމަށެވެ. އަދި މިހާތަނަށް ފައިދާގެ ގޮތުގައި މި ފަންޑަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.
" މިހާތަނަށް އައިއިރު 5.1 ބިލިއަން ރުފިޔާ ޕެންޝަން ފައިދާގެ ގޮތުގައި ލިބިފައިވޭ. ފަންޑަށް ބޭފުޅަކު ކޮންޓްރިބިއުޓް ކުރާއިރުގައި މިއީ ޔުނިޓައިޒޭޝަން ސިސްޓަމެއް. އެބޭފުޅަކު ފަންޑަށް ވަންނައިރުގައި ކޮންމެ ކޮންޓްރިބިއުޝަނަކަށް ޔުނިޓެއް އިންނާނީ ކަނޑައެޅިފައި. ރިޓާން ބެހިގެން ދާނީ ފަންޑުގައި ތިބި އެންމެންނަށް އެއްވަރަކަށް. އިންޓްރެސްޓް ލިބޭވަރަކަށް ޔުނިޓްސް އިތުރުވަމުންދާނީ." އިރާޝާ ވިދާޅުވިއެވެ.
ޕެންޝަންގައި މިހާރު ހިމެނެނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ. އުމުރުން ދުވަސްވީ މީހުންގެ ގޮތުގައި 23000 މީހުންނަށް ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހޭދަކުރާކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
އަދި ރާއްޖޭގެ އާބާދީގެ 1 ލައްކަ 22 ހާސް މީހުންނަކީ މަސައްކަތް ކުރާ މީހުންގެ އާބާދީއަށްވާއިރު މަހެއްގެ މައްޗަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ލިބެނީ 143 މިލިއަން ރުފިޔާކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ.