ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބާއްވާން އޮންނަ މުއްދަތު އިތުރުކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާހުގެ ސަބަބުން އިންތިޚާބުތަކަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެއްޅުއްވި މި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކައުންސިލްގެ ގޮނޑި ހުސްވެއްޖެ ހާލަތެއްގައި ބައި އިލެކްޝަން ބާއްވަންޖެހޭނީ 183 ދުވަހުގެ ތެރޭގައި ކަމަށެވެ. މިހާރު ޤާނޫނުގައިވާ ގޮތުން ބައި އިލެކްޝަން ބާއްވަން ޖެހޭނީ 60 ދުވަހުގެ ތެރޭގައެވެ.
މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢުއެވެ. މެންބަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ގެންނަން ޖެހޭ މުހިންމު އިސްލާޙުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން، މިހާތަނަށް ބަލާއިރު ބައި-އިލެކްޝަންތަކުގައި 50 އިންސައްތަ ގޮނޑިއަށް މެންބަރުން ހޮވެނީ އިންތިޚާބެއް ނެތިކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި މި އިންތިޚާބުތަކުގައި ވޯޓުލާންދާ މީހުންގެ އަދަދު މަދުކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"އަވަސް އަވަހަށް އިންތިޚާބުތައް ބޭއްވުމަކީ ހަގީގަތުގައި ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެންދާނެ ސަބަބެއް. އެހެންކަމުން ހިންގުމުގެ ނިޒާމަށް އެއްވެސް ހުރަހެއް ނުލިބި މި ގެނެވޭ އިސްލާހުގެ ނަތީޖާއަކީ ކޮންމެ 60 ދުވަހަކުން ކުރަންޖެހޭ ޚަރަދުކުޑަވެގެންދިއުމާއި ސްޓޭބަލް އިދާރީ އޮނިގަނޑެއް ފޯރުކޮށްދެވިގެން ދިއުން،" މެންބަރު އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ބިލަށް ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވީ ކޮންމެ ރަށެއްގައި މަދުވެގެން 5 ކައުންސިލަރުން ތިބޭއިރު، އެއް ކައުންސިލަރަކު އިސްތިއުފާ ދިނުމުން ބައި-އިލެކްޝަނެއް ބާއްވަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި ބައި-އިލެކްޝަނެއް ބާއްވާނީ ކޯރަމް ހަމަނުވެގެން ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.
"ކޯރަމް ހަމަވާ، މިސާލަކަށް ފަސް ކައުންސިލަރުން ތިއްބަވާ ކައުންސިލެއްގައި އެއް ކައުންސިލަރަކު އިސްތިއުފާދީގެން އިތުރަށް އިންތިޚާބު ނުބޭއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން. އެހެނެއް ނޫން. ދެ ކައުންސިލަރުންނަށް މަދުވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވާ ކޯރަމް ހަމަކުރުމަށް އަޅުގަނޑު ތާޢީދު ކުރަން،" މެންބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހުގެ ސަބަބުން އިންތިޚާބީ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަން އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި ވޯޓުލާ މީހުން ބައިވެރިވުން ރަނގަޅު ކުރުމަށް ވަރަށްގިނަ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އިންތިޚާބީ މަރުހަލާ ޒަމާނީކޮށް ޚަރަދުކުޑަކޮށް ރައްޔިތުންނަށް އެންމެ މަންފާވާގޮތަށް އިންތިޚާބުތައް ބައްޓަން ކުރުމަކީ މި އިސްލާހުގެ މަގުސަދެއް ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ ބަޖެޓަށް ލުއިވެ ދިވެހި ރައްޔިތުންގެ ފައިސާ ރަނގަޅަށް މެނޭޖް ކުރެވޭނެ،" މެންބަރު އިބްރާހީމް ހުސައިން ވިދާޅުވިއެވެ.
ވެލިދޫ ދާއިރާ މުޙައްމަދު ޢައްބާސް ވިދާޅުވީ ކައުންސިލަރުންގެ ޢަދަދު މަދުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާއިރު، އިތުރު އިސްލާހެއް ގެނައުން މުހިންމުކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވާން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ޤާނޫނަށް އިސްލާހު ގެންނަންވާނީ ދުރުމުސްތަގުބަލަށް ވިސްނަގައިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރަންވީ ކަމަކީ ދެން ރަށްރަށުގެ ކައުންސިލްތަކުގެ ސައިޒް ކިހާވަރެއްގަތޯ ބާއްވާނީ. އާބާދީގެ ނިސްބަތުން، ނޫނީ ހުރިހާ ރަށަކަށް އެއް މިންވަރެއްގައިތޯ ބަހައްޓާނީ. ރަށްރަށުގެ ރައީސާއި ނައިބު ރައީސާ އެކަނި އިންތިޚާބުކޮށްފައި ދައުލަތުގެ މުއައްސަސާތައް ހިމެނޭގޮތަށް ކައުންސިލް ރުކުރުވާލާނީތޯ. މިކަންތައްތަކާދޭތެރޭ އަޅުގަނޑުމެން ބަހުސްކުރަންވީ،" މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން އެލްޖީއޭއިން ކައުންސިލެއްގެ ގޮނޑި ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި އެ ބައި-އިލެކްޝަން ބާއްވަންޖެހޭއިރު، އެ ކައުންސިލެއްގެ ކޯރަމް ހަމަނުވާނަމަ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުންގެ ގޮނޑި ހުސްވެއްޖެނަމަ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެއެވެ.
މީގެ އިތުރުން ނައިބު ރައީސެއް ނުވަތަ ޑެޕިއުޓީ މޭޔަރެއްގެ ގޮނޑި ހުސްވާއިރު އެ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެފައި އޮތްނަމަ އެ ކައުންސިލެއްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުމަށް ހަތް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.