މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށްފިއެވެ.
މި ގަވާއިދު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އާންމު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މަޖިލީހުގެ ތަޅުމުން ގެނައި އިސްލާހުތަކާއެކުއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ފާސްކޮށްފައިވަނީ 64 މެންބަރުންގެ އިއްތިފާގުންނެވެ.
އަލަށް ފާސްކުރި ޤަވާއިދުގައި ގެދޮރުވެރިކަމަށް ހާއްސަ ދާއިމީ ކޮމިޓީއެއް ވަނީ އުފައްދާފައެވެ. "ގެދޮރުވެރިކަމުގެ ކޮމިޓީ"ގެ ނަމުގައި އުފެއްދި މި ކޮމިޓީއަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާއި ގުޅޭ ޤާނޫނީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަން މަޖިލީހަށް ހުށަހެޅުމަށް އުފެއްދި ކޮމިޓީއެކެވެ.
މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި ފާހަގަކުރެވޭ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރަށް ލަފާ އެރުވުމާއި ހިޔާވަހިކަމުގެ ޙައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދޭތޯ ބެލުން އަދި ގެދޮރުވެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުން ހިމެނެއެވެ.
އައު ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ހުސްވަގުތަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ކުރިން މެންދުރު 12:30ން 1:00 އަށް ހުސް ވަގުތު ދިނުމަށް ކަނޑައަޅާފައި އޮތް ނަމަވެސް އައު ގަވާއިދުގައި އެވަގުތު ވަނީ މެންދުރު 12:00ން 1:00 އަށް ބަދަލުކޮށްފައެވެ. މިގޮތަށް ބަދަލުކޮށްފައިވަނީ އެވަގުތު މެންދުރު ނަމާދު ވަގުތާ ދިމާވާތީ ދަތިތަކެއް ކުރިމަތިވާތީކަމަށް އާންމު ކޮމިޓީން ވަނީ ބުނެފައެވެ.
ވަޒީރުންނާ ސުވާލުކުރުމަށް ސުވާލު ނޯޓިސް ފޮނުވާފައިވަނިކޮށް އެ ވަޒީރަކު އިސްތިއުފާ ދެއްވައިފިނަމަ އަމަލުކުރަންޖެހޭ ގޮތްވެސް އައު ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ވަޒީރު އިސްތުފާ ދެއްވައިފިނަމަ ސުވާލު ބާތިލުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އަލުން އެ މަގާމާ ހަވާލުވާ ވަޒީރާ ސުވާލުކުރަން ބޭނުންވާނަމަ އަލުން ސުވާލު ހުށަހަޅަންޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ކުއްލި މައްސަލަ ހުށަހަޅަން ބޭނުންވާ މެންބަރުން މައްސަލައިގެ ނޯޓިސް ޖަލްސާ ފެށުމުގެ 45 މިނެޓްކުރިން ފޮނުވަންޖެހޭ ގޮތަށް އައު ގަވާއިދުގައި ވަނީ ބަދަލުކޮށްފައެވެ. ކުރިން އޮންނަ ގޮތުން ނޯޓިސް ފޮނުވަން ޖެހޭނީ 15 މިނެޓް ކުރިންނެވެ. މީގެ އިތުރުން ކުއްލި މައްސަލަތަކުގައި ބަހުސްކުރާއިރު މެންބަރުންނަށް ގިނަވަގެން 3 މިނެޓް ދިނުމަށް ގަވާއިދުގައި ހިމަނާފައި އޮތްއޮތުން ވަނީ 5 މިނެޓަށް ބަދަލުކޮށްފައެވެ.