ޚަބަރު

މުސާރަ އެއްހަމަކުރުމުގެ މަޤްޞަދު ޙާސިލެއްނުވޭ، މުސާރައިގެ ފަރަޤުވީ ބޮޑު: ސީއެސްސީ


  • ޕޭ ފްރޭމްވޯކް ހެދިއިރު ސިވިލް ސަރވިސްގެ މަޝްރާނުހޯދާ

  • އިދާރީ މުވައްޒަފުންނަށް މުސާރައިގެ އެއްވެސް ކުރިއެރުމެއް ނުލިބޭ

މުސާރަ އެއްހަމަކުރުން ނުވަތަޕޭ ހާމަނައިޒޭޝަންގެ ނަމުގައި ދައުލަތުން ފެށި މަސައްކަތުގެ މަޤްޞަދު ޙާސިލުނުވާ ކަމަށާއި މުސާރައިގެ ފަރަގު ބޮޑުވެފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވެއްޖެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕޭ ހާމަނައިޒޭޝަންގެ ދަށުން ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނަތާ ދެ އަހަރު ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އެންމެ ފުރަމަ ބަދަލެއް ގެނައީ 2009ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން އެކި ނަންނަމުގައި އެލަވެންސްތަކެއް ދިން ނަމަވެސް ޖުމްލަ ގޮތެއްގައި އިދާރީ މުވައްޒަފުންނަށް މުސާރައިގެ އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ނާސިޙް ވިދާޅުވިއެވެ.

ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ކުރީ ސަރުކާރުގައި 1 މެއި 2022ގައި ފެށިއެވެ. އެގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އެ އަހަރު ބަދަލު ގެނައުމަށްފަހު މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ޑޮކްޓަރުންނާއި ނަރުހުންގެ މުސާރައަށްވެސް ބަދަލުގެނައެވެ. އޭގެ ފަހުން މިހާތަނަށް އިތުރު ބައެއްގެ މުސާރައަށް މި ބަދަލު ގެނެސްފައިނުވެއެވެ.

މުސާރައަށް އެ ގެނެސްފައިވާ ބަދަލުތަކަށް އިޝާރާތްކުރައްވާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނަސިޙް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް އިތުރަށް ކުރިއަށްނުދާތީ އޭގެ މަޤްގުސަދު ހާސިލްނުވާކަމަށާއި ކުރިއަށްވުރެ މުސާރައިގެ ފަރަގު ބޮޑުވެފައިވާކަމަށެވެ.

"ދެ އަހަރު މިވީ ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ (ޕޭ ފްރޭމްވާކް) އޮނިގަނޑުތަކަށް ހިޖުރަނުކެރެވޭތާ. އެހެންވެ ފަރަގު ބޮޑުވެފައި މިއޮތީ. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި ޕްރޮސެސް ދިޔަ ގޮތުން ކަމަށް އެއީ. މައިގަޑުގޮތެއްގައި ސިވިލް ސާވިސްއަކީ ދައުލަތުގެ އެންމެ ބޮޑު އެމްޕްލޯޔާ އަޅުގަނޑުމެންގެ މަޝްވަރާއެއް ޕޭ ކޮމިޝަންގެ ފަރާތުން ހޯއްދަވާފައި ނުވޭ ޕޭ ފްރޭމްވޯކްގެ މަސައްކަތް ކުރެއްވިއިރު." ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވިއެވެ.

ނާސިޙް ވިދާޅުވީ ޕޭ ފްރޭމްވޯކްގެ މަޝްވަރާގައި ބައިވެރިވާން ސިވިލް ސާވިސް ކޮމިޝަނުން އެދުނު ނަމަވެސް އޭގައި ހުރި ކަންކަން އެ ކޮމިޝަނަށް އެނގުނީ އެންމެ ފަހުވަގުތު ކަމަށެވެ. އެ ފްރޭމްވޯކަށް ޚިޔާލު ދިނުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މެޓްރިކްސްތައް ހުރީ އެންމެ އެދެވޭގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާގެ ޝަރުތުތައް ކަނޑައަޅަންވާނީ ސިވިލް ސަރވިސް ކޮމިޝަނުންކަމަށް ޤާނޫނު ބަޔާންކުރިނަމަވެސް، އައު ޕޭފްރޭމްވޯކް ހެދިއިރު އެ ޝަރުޠުތައް ކަނޑައަޅާފައިވަނީ ޕޭ ކޮމިޝަނުންކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވިއެވެ.