ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ އެހީ ހަދިޔާކުރުމަށް ހަމަޖައްސައިފިއެވެ.
އދ.ގެ މައި މަރުކަޒުގައި މިއަދު ކުރިއަށްދިޔަ "އަންރުވާ ޕްލެޖިންގް ކޮންފަރަންސް" ގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތުން މިކަން ހާމަކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ރާއްޖޭން މި އެހީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ "އަންރުވާ" ފަންޑު މެދުވެރިކޮށެވެ.
ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ.ގެ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.
"އަންރުވާ ޕްލެޖިންގް ކޮންފަރަންސް" ގައި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ.
ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ޤައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނުން ލިބިފައިވާ 18.4 މިލިޔަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައި ވާކަން ދާއިމީ މަންދޫބު ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް މި ބައްދަލުވުމުގެ ތެރެއިން ދާއިމީ މަންދޫބު ގޮވާލެއްވިއެވެ.
އަންރުވާ ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. އެހެންނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50،000 ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަން ސަރުކާރުން ހާމަކުރެއްވީ މިދިޔަ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ.