ޚަބަރު

ތިލަމާލެ ބްރިޖުގެ %40.47 މަސައްކަތް ނިމިއްޖެ


  • ނޮވެމްބަރު މަހާ ހަމައަށް ނިމިފައިވަނީ 29 އިންސައްތައިގެ މަސައްކަތް

  • މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށް

ތިލަމާލެ ބްރިޖުގެ 40.47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި މަޝްރޫގެ ދަށުން ބްރިޖުގެ މެރިން ޕްރިކާސްޓް ޑެކް ސެގްމަންޓުގެ ފުރަތަމަ ސެގްމަންޓް އަޅާފައިވާ ކަމަށެވެ. މި ސެގްމަންޓް އަޅާފައިވަނީ ވިލިމާލެ ކައިރިންކަމަށްވެސް ވިދާޅުވިއެވެ.

ޠަޢާމު ވިދާޅުވިގޮތުގައި ތިލަމާލެ މަޝްރޫއުގެ ޖުމްލަ 40.47 އިންސައްތަ މަސައްކަތް މިހާތަނަށްވަނީ ނިމިފައެވެ. މިދިޔަ ނޮވެމްބަރު މަހާ ހަމައަށް ނިމިފައިވަނީ 29 އިންސައްތަ މަސައްކަތެވެ.

މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.