މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން، އެމްއެލްސީއޭ އިފްތިތާހުކޮށްފިއެވެ.
މި ޖަމްޢިއްޔާ އިފްތިތާހުކުރުމުގެ ގޮތުން ބ. ކަމަދޫގައި ވަނީ ޖަމްޢިއްޔާގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާފައެވެ. ޖަމްޢިއްޔާ އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
އެމްއެލްސީއޭއަކީ ސިޓީކައުންސިލާއި، އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުގެ ތެރެއިން މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ.
މި ޖަމްޢިއްޔާ އުފެއްދުމުގެ މަގުސަދަކީ ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމެވެ.
އެމްއެލްސީއޭގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. މި ފަދަ ކަންކަމުގައި ކައުންސިލްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަމްޢިއްޔާ ހިންގުމުގައި އެންމެން ޝާމިލްވާ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރުމުގައި ސާބިތުކަމާއެކު ވުޒާރާއިން އޮންނާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
"މި މަސައްކަތަކީ އެންމެން ޝާމިލްވާ ގޮތަށް މި ޖަމްޢިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ކޮށްދެންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަންޖެހޭ ކަނކަން ކުރުމުގައި މި ފަދަ ޖަމްޢިއްޔާތަކާއި އެކުގައި، އެއީ ކައުންސިލެއް ކަމުގައި ވިޔަސް އެ ކައުންސިލާއި އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކު ކޮށްދޭނެ ވާހަކަ މިއަދު ވެސް ތިޔަ ބޭފުޅުންގެ މަޢުލޫމާތަށް ޓަކައި ދަންނަވަން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއްގެ ގޮތުގައި ކައުންސިލްތަކުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރައްޔިތުންނަށް ފައިދާވާ މަސައްކަތްތަކެއް ކުރާ ޖަމްޢިއްޔާއަކަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.