ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅަނީ


  • ރައްކާތެރިނޫން މާހައުލަތުގައި އުޅެން ޖެހޭ މީހުން އެބަތިބި

  • އާއިލީ ދިރިއުޅުމަކަށްދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި ގުޅޭ ސިޔާސަތު އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އާއިލީ އަދި އިޖުތިމާއީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އިޖުތިމާއީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފައެވެ.

އާއިލީ އަދި އިޖުތިމާޢީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަކަމަށް ވާއިރު، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ރައްކާތެރިނޫން މާހައުލަތުގައި އުޅެން ޖެހުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅެމުންދާ ކުދިންނާއި މީހުން ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އެ ފަރާތްތަކަށް އަނބުރާ އާއިލީ ދިރިއުޅުމަށް ރުޖޫއަވުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަން ދެނެގަނެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މައްސަލަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ޙައްލެއް ހޯދައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު މަޝްވަރާކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ ސަރުކާރުން އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ދަށުން، ފްލެޓްތައް ދޫކުރާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަން ކަށަވަރުކުރުމާއި ގުޅޭ ސިޔާސަތު އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށައެޅުމާއި ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވާކަމަަށެވެ.

އާއިލީ އަދި އިޖުތިމާޢީ ތަރައްގީއާބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.