ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ 83 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • މީގެ ތެރޭގައި ސައްޙަ ވިސާއެއް ނެތް ބިދޭސީންވެސް ހިމެނޭ

  • އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށް ވިދާޅުވި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅޭ 83 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއީ މިއަހަރުގެ މިހާތަނަށް އެ އިދާރާއިން އިސްވެ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދިޔަ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން އިސްނަގައިގެން ފުލުހުންގެ ޚިދުމަތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދިޔައީ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއެކު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާއި އެއްގޮތަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުންއަންނަ 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ތަންތަން ބަލައި ފާސްކޮށް، ޖުމްލަ 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާންނަގާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެތެރޭގައި، ސައްޙަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންދިޔަ ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ، 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކުރާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.