ޚަބަރު

މާލޭގައި ވެހިކަލް ތޮއްޖެހޭ މައްސަލަ ޙައްލުކުރުމަށް ދުބާއީގެ އެހީތެރިކަން ހޯދަނީ


  • މިކަމާގުޅޭގޮތުން ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓު އޮތޯރިޓީއާއެކު ވަނީ މަޝްވަރާކޮށްފައި

  • ދުބާއީ އާރުޓީއޭގެ ޓެކްނޮލޮޖީއާ ތަޖުރިބާގެ ބޭނުން މިކަމުގައި ހިފާނެ

މާލޭގައި ވެހިކަލްތައް ގިނަވެ، ޓްރެފިކް ބާރުބޮޑުވާ މައްސަލަ ޙައްލުކުރުމަށް ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ، އާރު.ޓީ.އޭއާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓު އޮތޯރިޓީއާކު ބޭއްވުނު ބައްދަލުވުމުގައި މާލެ ސަރަޙައްދުގައި ވެހިކަލް ތޮއްޖެހޭ ޖެހުން ކުޑަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ.

ވަޒީރު އަމީން ވިދާޅުވީ ރާއްޖޭގައި މި މަސައްކަތް ކުރަން އާރުޓީއޭއިން ޓެކްނޮލޮޖީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާކަމަށެވެ. އަދި މިކަން ކުރާނީ ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ ފްރޭމް ވޯކެއްގެ ދަށުން ކަމަށެވެ. އަދި މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ދުބާއީ އާރު.ޓީ.އޭގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ ބޭނުން ހިފާނެކަމަށް ވަޒީރު ވިދާޅުވިއެވެ.


ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި 69،780 އުޅަނދެއް އަލަށް ވަނީ ރަޖިސްޓްރީކޮށްދީފައެވެ. މީގެ ތެރެއިން ހަމައެކަނި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްދީފައިވާ އުޅަނދުތަކުގެ އަދަދުވެސް 42،000 އަށްވުރެ މައްޗަށް އަރައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް ގިނަވެ، ޓްރެފިކް ތޮއްޖެހުމުގެ މައްސަލައާއި ޕާކުކުރާނެ އެކަށީގެންވާ ޖާގަ ނުލިބޭކަމުގެ ޝަކުވާއަކީ ގިނަ ބައެއްގެ ކަންބޮޑުވުމާގުޅިފައިވާ ޒަމާންވީ ބޮޑު މައްސަލައެކެވެ. އެކި ސަރުކާރުތަކުން މިކަން ޙައްލުކުރުމަށް މަސައްކަތްކުރިނަމަވެސް މިހާތަނަށް މި މައްސަލައަށް އެންމެ އެކަށީގެންވާ ޙައްލެއް ލިބިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުމާގުޅިފައިވާ މައްސަލައެއްކަމުން، މިކަން ޙައްލުކުރުމުގައި ޚާރިޖީ ގުޅުންތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި މިފަދަ ކަންކަމުގައި ނަމޫނާ ދައްކާ ޤައުމުތައް ކަމަށްވާ ޔުނައިޓެޓް ޢަރަބް އެމިރޭޓްސް ނުވަތަ ސިންގަޕޫރުފަދަ ޤައުމަކުން ކަމުގެ ތަޖުރިބާކާރުން ރާއްޖެ ގެނެސް، މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ޚާރިޖީ ވުޒާރާގައި އެދިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.