ޚަބަރު

ލިސްޓު މުރާޖާ ކުރުމަށްފަހު ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭނީ ޙައްގުވެރިންނަށް: ވަޒީރު


  • ފްލެޓުތައް މި އަހަރުގެ މެދުތެރޭގައި ނިމޭނެ

  • ފްލެޓް ލިސްޓް މުރާޖާކުރުމުގެ މަސައްކަތް ކުރަނީ މިނިވަން ކޮމިޓީއަކުން

  • ފްލެޓުތައް ނިމޭއިރު ލިސްޓު މުރާޖާކޮށް ނިމޭނެ

ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފުރަތަމަ 4000 ފްލެޓުގެ ލިސްޓު މުރާޖާ ކުރުމަށްފަހު، ފްލެޓް ލިބޭނީ އޭގެ ޙައްގުވެރިންނަށް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ އެ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވަނީ ކުރީގެ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން ފްލެޓުތަކުގެ މަސައްކަތް ކުރިއަށްގެންދާ ސްޕީޑު ހަލުވިކަން ފާހަގަކުރައްވާފައެވެ.

ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތްތަކާއެކުވެސް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން 4000 ފްލެޓުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާކަމަށެވެ. އެގޮތުން، ގިނަ އިމާރާތާތްކުގެ ކޮންކްރީޓުގެ މަސައްކަތްތައް ނިމިފައިވާއިރު ބައެއް އިމާރާތްތަކުގެ އިތުރު މަސައްކަތްތައްވެސް ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ މެދު ތެރޭގައި ހުރިހާ ފްލެޓެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓް މުރާޖާ ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފްލެޓް ލިބޭނީ އޭގެ ޙައްގުވެރިންނަށް ކަމަށެވެ. ކުރީ ސަރުކާރުގެ ލިސްޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށްފަހު އެ ލިސްޓުގައި މައްސަލަތައް ހުރުމުން ލިސްޓް އަލުން މުރާޖާ ކުރުމަށް އެ އިދާރާއިން ވަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއަށް ލަފާދެއްވާފައެވެ. މި މަސައްކަތް ކުރުމަށް އެ ވުޒާރާއިން ވަނީ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ.

"މުރާޖާކޮށް ނިމުނީމަ އިރާދަކުރެއްވިއްޔާ ފްލެޓް ހަވާލުކޮށް ނިންމާނަން. އެނގިވަޑައިގަންނަވާނެ އޭސީސީން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން އަންގަވާފައި އޮތީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށްގެންގޮސް އިރާދަކުރެއްވިއްޔާ ފްލެޓްގެ ޙައްގުވެރިންނަށް، އަޅުގަނޑު ޔަގީންކަންދެން ތިބޭފުޅުންނަށް ޙައްގުވެރިންނަށް ނޫން ބަޔަކަށް ފްލެޓުތައް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ނުނިންމާނަން،" ވަޒީރު ވިދާޅުވިއެވެ.

މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ފްލެޓުތަކުގެ މަސައްކަތް ނިމެންވާއިރަށް ލިސްޓް މުރާޖާކޮށް ފްލެޓް ލިބޭ މީހުން އިއުލާންކުރައްވާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އެފްޑީސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. އެގޮތުން އެ ޤައުމުގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން 2000 ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާއިރު ބާކީ 2000 ފެލްޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެންބީސީސީއާއެވެ.