ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް މަހުގެ އަގު އޭރުގެ ސަރުކާރުން ބޮޑުކުރުމުގެ ސަބަބުން މަސްވެރިންނާއި އެ ސިނާއަތަށް ބޮޑު ގެއްލުމެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަޒާން ވިދާޅުވީ ކުރިއާ އަޅާބަލާއިރު ރާއްޖޭގެ މަސްވެރިކަން ތަރައްގީވެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެފައިވި ނަމަވެސް މިފްކޯއަށް އަންނަންޖެހޭ ތަރައްގީ އައިސްފައިނުވާކަމަށެވެ. މިހާރުވެސް މިފްކޯއިން އެކްސްޕޯޓު ކުރަނީ ޕްރޮސެސް ނުކުރާ މަސް ކަމަށާއި، ސަރުކާރުން މިހާރު މަސް ގަންނަންޖެހިފައިވަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮލަކަށްވެފައި ވަނިކޮށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް އެމްޑީޕީ ސަރުކާރުން ބޮޑުކުރިއިރުވެސް، އެ ފައިސާ ބަޖެޓުގައި ނެތްކަން އެ ސަރުކާރަށް އެނގޭކަމަށް އަޒާން ވިދާޅުވިއެވެ. މިއީ މަސްވެރިންނަށް ދިން ބޮޑު ގެއްލުމުގެގޮތުގައި ސިފަކުރައްވާ އަޒާން ވިދާޅުވީ އެގޮތަށް ބަދަލު ގެނައި ނަމަވެސް މި ސަރުކާރުން ދަތި އުދަނގުލާއެކު ފައިސާ ދައްކާ ބެކްލޮގް ކްލިއާ ކޮށްފައިވާ ކަމަށެވެ.
"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. ދާއިމަށް ގެއްލުމުގައި މަސް ގަތުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން. މިކަމަށް ހޯދަން ޖެހޭނީ ދެމެހެއްޓެނިވި ހައްލެއް،" އަޒާން ވިދާޅުވިއެވެ.
އައްޑޫގައި ކުރިއަށްދާ މަސްވެރިންގެ އިހުތިޖާޖަށް އިޝާރާތް ކުރައްވާ އަޒާން ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަރުކާރުން ވައުދުވެވަޑައިގެންނެވި ނަމަވެސް އެއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ވައުދުތައް ނުފުއްދޭ ކަމަށްވާނީ ދައުރު ނިމޭއިރުވެސް މައްސަލަތައް ހައްލުނުކުރެވޭނަމަ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވަނީ ކުރީ ސަރުކާރުން މަސްވެރިންނަށް ތަފާތު ގިނަ ވައުދުތައްވި ނަމަވެސް އެ ވައުދުތައް ނުފުއްދުނުކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ފައިސާ ނުލިބި ތިބި ދަނޑިވަޅެއްގައި އިދިކޮޅުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކުރަމަކީ މަސްވެރިންގެ ހާލަތުގެ ނާޖާއިޒު ފައިދާނެގުން ކަމަށްވެސް މެންބަރު އަޒާން ވިދާޅުވިއެވެ.