މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާތީ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝިފާން މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ޝިފާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ޙަޤީޤަތެއް ކަމަށެވެ. އެގޮތުން، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމަޢުއަށް ދޫކޮށްލުންކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވިގޮތުގައި އެ ކުށްވެރިން ދޫކޮށްލީ އެ މީހުންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްނެތި ކަމަަށެވެ. އަދި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރިން ރޭވުންތެރިކަމާއެކު މަސައްކަތްތައް ކުރެވިފައި ނެތުމުގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަޙައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، މާލެ ސަރަޙައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށްނެގި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން އުޅަނދުތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ނެޓްވޯކެއްވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮޅުވާލައިގެން މީހުން ގެންގޮސް ރަހީނުކޮށް ފޭރުމުގެ މައްސަލަތަކެއްގައިވެސް ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.