ޚަބަރު

ކަސްޓަމްސްގެ މުޢައްޒަފުންނަށް ހެލްތް އިންޝުއަރެންސް ދެއްވުން


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުޢައްޒަފުންނަށް ހެލްތް އިންޝުއަރެންސް ދެއްވުމަށް ކަސްޓަމްސްއިން އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއާ ހަވާލު ކުރައްވައިފިއެވެ.

މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރައްވާފައިވާ އެއްބަސްވުމުގެ ދަށުން ކަސްޓަމްސްގެ މުޢައްޒަފުންނަށް ރާއްޖޭގެ ހުރިހާ ފާމަސީތަކުންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ލިބުމާއި ރާއްޖޭން ބޭރުގެ ގިނަ ހޮސްޕިޓަލްތަކަކުންވެސް ބޭސް ފަރުވާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މުޢައްޒަފުންނަށް މިހާރު ބޭސްފަރުވާކުރުމަށް އޮންނަ ލިމިޓަށްވުރެ ފުޅާ ދާއިރާއެއްގައި ބޭސްފަރުވާގެ ކަންކަންކުރުމަށް މަގުފަހިވުންފަދަ ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

އެލައިޑް އިންސުއަރެންސް ކޮންޕެނީގެ ޖެނެރަލް މެނޭޖަރ ނިޔާޒް އިބްރާހީމް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ފޮލޯއަޕްކޮށް ޜާއްޖެއިން ބޭރުގެ ޑޮކްޓަރަކަށް ދައްކަންޖެހޭ ޙާލަތްތަކުގައިވެސް ފަސޭހަކަމާއެކު އަޔާދީ ތަކާފުލް ސްކީމްގެ ދަށުން ބޭސްފަރުވާކުރެވޭނެ ފުރުޞަތު ތަނަވަސްވާނެކަމަށެވެ.