ޚަބަރު

ކައުންސިލްތަކުގެ ދަރަޖަ މަތިކޮށްފި، މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ


  • ކައުންސިލްތަކުގެ ދަރަޖަ 3އިން 4އަށް ވަނީ މަތިކޮށްފައި

  • މިހާރު ދަރަޖަ އޮތްގޮތުން މުސާރައިގެ ފަރަގު ބޮޑު

  • އައު ދަރަޖައާއެކު އިދާރީ މުވައްޒަފުންގެ މުސާރައާ އިނާޢަތަށްވެސް ކުރިއެރުން އަންނާނެ

ކައުންސިލްތަކުގެ ދަރަޖަ 4އިން 3 އަށް ޕޭ ކޮމިޝަނުން މަތިކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ޕޭކޮމިޝަނުން ކައުންސިލްތަކުގެ ދަރަޖަކުރުމަކީ، މުއައްސަސާތަކަށް އިންސައްތަ ދީފައިވާ ތަރުތީބު ކަނޑައެޅުމެވެ. މިއާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެމުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ހުށައަޅަމުންދާ އެއް ކަމަކީ ކައުންސިލްތަކުގެ ދަރަޖަ އޭރު އޮތް ގޮތުގެ ކަންބޮޑުވުންކަމަށެވެ. ވަޒީރު ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުން ތަމްސީލްކުރުމަށް ރަންޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ބަޔަކަށްވުމާއެކު، ކައުންސިލްތަކުގެ ދަރަޖަ މަތިވާންޖެހޭނެކަމަށް ވަޒީރުގެ ޙައިސިއްޔަތުން ޤަބޫލުކުރައްވާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ މުހިންމު މަސައްކަތެއްކަމަށްދެކި، އެ ވުޒާރާއިން ޕޭ ކޮމިޝަނަށް އެކަން ހުށައެޅުމުން މިހާރު ކައުންސިލްތަކުގެ ދަރަޖަ 4އިން 3 އަށް ބަދަލުކުރައްވާފައިވާކަމަށެވެ. އެކަން ޕޭ ކޮމިޝަނުގެ ސިޓީއަކުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް މިހާރު އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖަ ބަދަލުކުރުމުން، މުސާރައާއި އިނާޔަތްތަކާ ގުޅިގެން އަންނާނެ ބަދަލުތަކުގެ މަސައްކަތްވެސް ޕޭ ކޮމިޝަނުން މިހާރު ފަށްޓަވާފައިވާކަމަށެވެ.

"ދަރަޖަ ބަދަލުވުމާއެކު، ޕޭ ކޮމިޝަނުން ގެންނަން ކަނޑައަޅާ ބަދަލުތައް ސަރުކާރުކާރަށް ހުށައެޅުމަށް ދަނީ ތައްޔާރުވަމުން. ޢީދު ހަފްތާ ނިމުނީމަ ވުޒާރާއިން ޕޭ ކޮމިޝަނާ ބައްދަލުކޮށް، އެބޭފުޅުން ސަރުކާރަށް ހުށައަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނަން. ކައުންސިލްތަކަށް ކުރިއެރުންތައް ލިބޭނެކަން ކަށަވަރުކުރާނަން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖައަށް ގެނައި ބަދަލުގެ ކުރިއެރުން ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް ލިބޭނެކަމަށެވެ. ވަޒީރު ވިދާޅުވީ ކައުންސިލްތައް ހިންގާ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދެނީ އިދާރީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތަކާއެކުކަމަށެވެ.

"ކައުންސިލްތަކަށް އެންމެ ބޮޑު އެހީއެއް ދެނީ ސިވިލްސަރވިސް މުވައްޒަފުން. ނަމަވެސް މިހާތަނަށްވެސް ސިވިލް ސަރވިސް މުވައްޒަފުންނަށް އެހާ ބޮޑު އަހަމިއްޔަތެއް ނުދޭ. މުސާރައިގެ ފަރަގުވެސް ބޮޑު. އުއްމީދަމީ މި ބަދަލާއެކު މުސާރައިގެ މައްސަލައަށް ޙައްލު ލިބުން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ކައުންސިލްތައް ކުރިއަރުވާ، ކައުންސިލްތަކުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތައް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ކައުންސިލްތައް ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ، އަމިއްލައަށް އާމްދަނީ ހޯދޭނެ ޤާބިލުކަން ލިބިފައިވާ ތަންތަނަށް ހެދުމަކީ އެންމެ ބޮޑު އެއް ޢަމާޒެކެވެ.

މިކަމަށް މަގުފަހިކުރުމަށް ކައުންސިލްތަކުގެ އިޙްތިޞާސް ފުޅާކުރުމާއެކު ރަށުގައި ކުރިއަށްގެންދާ ލޯކަލް ޓޫރިޒަމް ވިޔަފާރިން ލިބޭ ޓެކުހުން ވަކި އިންސައްތައެއް ކައުންސިލްތަކަށް ކަނޑައެޅުމަށްވެސް ސަރުކާރުން ވަނީ ނިމާފައެވެ.