ޚަބަރު

ފުރިހަމައަށް ކުއްތަންވެފައިވާ އަޅެއްގެ ގޮތުގައި މެނުވީ މަރުވެ ނުދިއުމަށް ގަދައަޅާ މަސައްކަތްކުރަންޖެހޭ: ދިވެހި ޙައްޖު ޚުޠުބާ


  • ޚުޠުބާގައި ވަނީ ގިނަގިނައިން މަރު ހަނދުމަކުރުމަށް ގޮވާލާފައި

  • ތަޢުބާވެ ނަފުސު ޠާހިރުކޮށް، މަރަށް ތައްޔާރުވެ ތިބުމަށް ވަނީ ހަނދާންކޮށްދީފައި

  • އިސްލާމީ އެއްބައިވަންތަކަން ރޫޅުނަ ނުދީ މަސައްކަތްކުރުމަށްވެސް ޙުޠުބާގައި ގޮވާލެއްވި

މަރަކީ އެންމެ ގާތުގައިވާ ކަންތައްކަމަށާއި، މާތްﷲ އަށް ފުރިހަމައަށް ކުއްތަންވެފައިވާ އަޅެއްގެ ގޮތުގައި މެނުވީ މަރުވެ ނުދިއުމަށް ކޮންމެ މުސްލިމަކުވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭކަމަށް، އަރަފާތު ބިމުގައި ދިވެހި ބަހުން ގެނެސްދިން ޙައްޖު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ޚުޠުބާ އަރަފާތު ބިމުން ދިވެހި ބަހުން ގެނެސްދެއްވީ ފަޟީލަތުއްޝައިޙް ޑރ. އާދަމް ޝަމީމެވެ. މި ޚުޠުބާގައި ވަނީ އަރަފާތު ދުވަހުގެ މާތްކަމާ، އަރަފާތު ދުވަސް ފުރިހަމައަށް ޙާސިލްކުރުމަށް ޙައްޖާޖީންނާއި އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ މީހުންވެސް އަދާކުރަންޖެހޭ އަޅުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހި ޚުޠުބާގައި ފަޟީލަތުއްޝައިޙް ޑރ. އާދަމް ޝަމީމް ވަނީ، މަރަށް ތައްޔާރުވެ ތިބުމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. ޝެއިޙް ޝަމީމް ވިދާޅުވީ، ފުރިހަމަ މުސްލިމެއްގެ ގޮތުގައި ނޫނީ މަރުވެ ނުދިއުމަށް ކޮންމެ މީހަކުވެސް އަޒުމު ކަނޑައަޅާ، އެކަމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ.

މަރަކީ ވަގުތު ނޭންގޭ ކަމެއްކަމަށާއި، މަރަކީ ތިބާއާއި އެންމެ ގާތުގައިވާ ކަން ކަމުގައި ޝާމީމް ވިދާޅުވިއެވެ. މަރާ ބައްދަލުވާއިރު ތިމާގެ ނަފުސު ޠާހިރުކޮށް ޙައްގުގޮތުގައި ތަޤުވާވެރިވެތިބުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

"އަޖަލު ވަނީ ވަރަށް ކައިރީގައި. ޙަދީސް ބަފުޅެއްގައި ވެއެވެ. ބިރުން ފިލަން ދުވާ މަރު، ކުރިމަތިން ބައްދަލުކުރާނެއެވެ. އެ ވަގުތު އަންނަންވާއިރު އިންސާނާގެ އެތެރެފުށާ ބޭރުފުއް ޠާޙިރުކުރަންޖެހޭ. ތައްޔާރުވާންޖެހޭ." ފަޟީލަތުއްޝައިޙް ޑރ. އާދަމް ޝަމީމް ވިދާޅުވިއެވެ.

އަރަފާތު ދުވަހަކީ އެންމެ ގިނަބަޔަކު ނަރަކައިން މުއްތިކުރައްވާ އެއް ދުވަހުގެ ގޮތުގައި ބަޔާންވެގެންވެއެވެ. އަރާފާތު ދުވަހުގެ އިރުއޮއްސުމަށް ދާންދެން އަޅުމަކަމާ ދުޢާކުރުމުގައި ޝާމިލުވެ ތިބުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އަރަފާތު ދުވަހުގެ ރޯދައަކީ 2 އަހަރުގެ ކައްފާރާއެއްކަމަށް ޝައިޚް ޝަމީމް ވިދާޅުވިއެވެ. މި މާތް ވަގުތުގެ އަޖުރާ ސަވާބަކީ އިންސާނާގެ ޚިޔާލަށްވެސް ނުގެވޭނެ މިންވަރެއްކަމަށް ވިދާޅުވިއެވެ.

ރަސޫލުން ފޮނުއްވުމާއި ފޮތް ބާއްވާލެއްވުމާއި މާތް ﷲގެ ޝަރީޢަތަކީ އެކަންކަމުގައި ކޮންމެ މުސްލިމަކު ހިފަންޖެހޭ ކަންކަންކަމަށް ޝައިޙް ވިދާޅުވިއެވެ. ޚާއްސަކޮށް ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލަހި ވަސައްލަމްގެ ރިސާލަތަކީ، ޚިދާޔަތުގައި ހިފައި މީހާ މަގު ފުރެދިގެން ނުދާނެކަމެއްކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި މާތްﷲގެ އެއްކައުވަންތަކަމަށް ފުރިހަމައަށް ކިޔަމަންގަނެ، ޝިރުކުގެ ޢަމަލުތަކުން ދުރުވެ ތިބުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މި ޚުޠުބާގައި ވަނީ އިސްލާމީ އުއްމަތް ބައިބައިވިޔަ ނުދީ، އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓުމަށް އެކުގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ. މި މޭރުމުން މިސާލު ނަންގަވާ ޚުޠުބާގައި ވަނީ ފަލަސްޠީނުގެ ރައްޔިތުން މިއަދު ކުރިމަތިލަމުންދާ ދަތި ޙާލަތު ހަނދުމަކޮށްދީ، އެބައި މީހުންނަށް އަރަފާތުގެ މާތް ދުވަހުގައި ދުޢާކުރުމަށް ގޮވާލާފައެވެ.

"ރަސޫލާގެ ޙިދާޔަތާ ޚިލާފައިވަމުންދާތަން ދަނީ ފެންނަމުން. ލޭ އޮހޮރުވުމާ، މޫމިނުންނާ ގުޅުންކެނޑުމާ، އަޚުވަންތަކަން ކަނޑާލުމާ، މުޅި އުއްމަތް ބައިބައިވެ ވަކިވެގެންދާތަން ދަނީ ފެންނަމުން. އުއްމަތުގެ ގުނަވަންތަކުން އޮހޮރެމުންދާ ތާޒާ ލޭ އެބަ ފެނޭ. ނިދުމާ އަރާމާ އުފަލުން މަޚުރޫވެފައިވާތަން ފެނޭ." ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާ ނިންމަވާލައްވަމުން ވަނީ، ދިރިއުޅުމަށް ލިބިފައިވާ ކުރު ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލާފައެވެ. ދިރިއުޅުމުގައި ކުރެވިފައިވާ ފާފަތަކަށް ތަޢުބާވެ މާތްﷲގެ ހަޒުރަތުގައި ކުއްތަންވުމާއި، ވައްކަމާ ފޭރުމާއި، ހަރާމް ކެއުންތަކާއި، ޙަލާލު ނޫން ގުޅުންތަކުން ދުރުވެ ނަފުސު ޠާޙިރުކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި ތަޢުބާވެ އެފަދަ ކުށްތައް ތަކުރާރުނުކުރުމަށް އަޒުމު ކަނޑައެޅުމަށްވެސް ވަނީ ގޮވާލާފައެވެ.