މިއަހަރު ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ނ. މަނަދޫގައި ފަށައިފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 31 ވަނަ ދުވަހުގައެވެ.
ދުންފަތުގެ އިސްތިއުމާލު ނުުކުރާ ދުވަހުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ޕީއެސްއެން ނިއުސްއަށް މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ ފާތިމަތު ނަޖްދާ ވިދާޅުވީ ދުވަހާއި ގުޅުވައިގެން ޖޫން 10 އިން 11 އަށް ހަރަކާތްތައް ކުރިއަށް ދާނެކަމަށެވެ. އެގޮތުން ޞިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން " ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން" ޓްރެއިން އޮފް ޓްރެއިނާސް ސެޒޭޝަން ވޯކްޝޮޕަކާއި ނ.އަތޮޅުގެ އެކި އިދާރާތަކުގެ އިސްބޭފުޅުންނަށް ދުންފަތުގެ ޤާނޫނާ ޤަވާއިދު ތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި ދުންފަތުގެ ނުރައްކަލާމެދު ބެލެނިވެރިން އަހުލުވެރިކުރުމަށް ޝެޝަނެއް 11 ޖޫންގައި އޮންނާނެކަމަށް ނަޖްދާ ވިދާޅުވިއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުވައިގެން ހިނގާލުމެއްވެސް 11 ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލް ނުކުރާ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ މަނަދޫ އަސްވާރު ޖަލްސާކުރާ މާލަމުގައެވެ. މިޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ޞިއްޙަތާ ބެހޭ ވަޒީރު ޑރ ޢަބްދުﷲއެވެ. މިޖަލްސާގައި މިއަހަރު ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "ކުޑަކުދިން ދުންފަތުގެ ޞިނާޢަތުން ސަލާމަތްކޮށް ދަފަރާކުރުން" އާ ގުޅުވައިގެން "ދަފަރާ"ގެ ނަމުގައި 1 އަހަރުދުވަހު ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއް އިޕްތިތާހް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ދުންފަތުގެ އިސްތިޢުމާލް ނުކުރާ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހެލްތާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ނ .މަނަދޫގެ އެކިއެކި އިދާރާތްތައް ގުޅިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.