ބިމާބެހޭ ޤާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބާތިލުކުރީ އެމްޑީޕީން އެ ބިލު ހުށަހެޅި ނިޔަތް ގޯސްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ބާބު" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވީ ވެރިކަމުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަންކުރުމަށް މަސައްކަތް ނުކުރުމުން ނިޔަތާމެދު ޝައްކު ކުރެވޭކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ގޯތި ދިނުމުގެ ކަންކަން ކުރުމަށް ނިންމުމަކީ މާލޭގެ ރައްޔިތުންގެ އިހުސާސްތަކަށް ކުރި މަލާމާތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ ކުރީ ސަރުކާރުގެ ނިޔަތް ގޯސްވިނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް ގޯތިތައް ހަވާލުކުރައްވަމުން ގެންދަވާއިރު އެމްޑީޕީގެ ފަރާތުން ޤާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހެޅުއްވީ އެމަނިކުފާނަށް ޖެއްސުންކުރުމުގެ މަގުސަދުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެބިލަކީ 20ވަނަ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ތާޢީދު ހޯދުމުގެ ގޮތުން ހުށަހެޅުއްވި ބިލެއް ކަމަށާއި އޭގެއިންވެސް ނިޔަތް ގޯސްކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.
"20 ވަނަ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތީމަ ބޭނުންފުޅުވީ ޤާނޫނަށް އިސްލާހު ގެނެސްގެން ރައީސުލްޖުމްހޫރިއްޔާގެ އަތް އަނބުރާލައިގެން މިކަން ކުރަން. އެ ފުރުސަތު 20 ވަނަ މަޖިލީހުން އަޅުގަނޑުމެން ނުދިނީ. އެ ނިޔަތް ގޯހީ. އެކަން ކުރަން އުޅޭގޮތް ގޯހީ. އަޅުގަނޑުމެން މިގެންދަނީ އެ ބޭފުޅުން ވިދާޅުވި ތަންތަނުން ވިދާޅުވިގޮތަށް ވިދާޅުވި އަދަދަށް އަކަފޫޓަކަށްވެސް އިންޗިއަކަށްވެސް ބަދަލެއް ނުގެނެސް މާލޭގެ ރައްޔިތުންނަށް ދެމުން." ޝުޖާޢު ވިދާޅުވިއެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ސަރުކާރުން ގެޒެޓު ކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ފަރާތުން ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައިވަނިކޮށް އެ ބިލު ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ނަމަވެސް އެ ބިލު ތަސްދީގުކުރުމުން ހަވާލުކުރަންޖެހޭ ގޯތިތަކުގެ ތެރޭގައި ނުހިއްކާ ހުރި ބިންތައްވެސް ހިމެނޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެ ބިލު 20 ވަނަ މަޖިލީހުން ބާތިލު ކުރީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.