ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވި 50 މީހުން ޙައްޖަށް ފޮނުވަނީ ޒަކާތު ފަންޑުން ނޫން ކަމަށާއި އެމީހުން ޙައްޖަށް ފޮނުވީ ދައުލަތުގެ ޚަރަދުގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޙައްޖަށް މިއަހަރު ފުރާ 3 ވަނަ ގްރޫޕް ފުރުވުމަށް އެއާރޕޯޓަށް ވަޑައިގެން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުންނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޙައްޖުގެ އިންތިޒާމްތައް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ވަރަށް ފުރިހަމަ ކަމަށެވެ. އެގޮތުން މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފަޤީރުންގެ ލިސްޓުން މިއަހަރު އަލަށް ޙައްޖަށް ފޮނުވި 50 މީހުންނާ ގުޅިގެން ނަފްރަތު އުފެދޭ ގޮތައް ވާހަކަ ދެކެވެމުންދާކަމަށެވެ. އެގޮތުން މިމީހުން ޙައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިން ކަމަށާއި ޙައްޖު ވާޖިބު ނުވާ ބަޔަކަށް ކިއު ސިސްޓަމްގެ ތެރެއިން ނާޖާއިޒު ގޮތުގައި ޖާގަތަ ދިންކަމަށް ބުނެ އަޑު ފަތުރަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވީ ޒަކާތު ފައިސާއިން ޙައްޖަށް މީހުން ފޮނުވުމަކީ އޭގެ ޒާތުގައި ޝަރުޢީ ގޮތުން މައްސަލައެއް ނޫންކަމަށެވެ. އެފައިސާ އެ ހޭދަ ކުރެވެނީ މާތް ﷲގެ މަގުގައި ކަމަށް ވުމާއެކު ދައުލަތުން އެފަދަ ކަމެއް ކުރުމަކީ އެއްވެސް މައްސަލެއް އޮތްކަމެއް ނޫން ކަމަށެވެ. ވަޒީރު ވިދާޅުވީ ފަގީރުންގެ ލިސްޓުން ޙައްޖަށް ފޮނުވި 50 ފަރާތް ޙައްޖަށް ފޮނުވީ ސީދާ ދައުލަތުގެ ޚަރަދުގައިކަމަށެވެ. އަދި މިއީ ޒަކާތު ފަންޑުން ފައިސާ ނަގައިގެން ކުރި ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވަރަށް ހިތާމަވެރި ކަމެކޭ އެފަދަ އެއްވެސް ކަމެއް މީގައި ނުހިނގައޭ. ޒަކާތުގެ ފައިސާއިން ފަޤީރުންނަށް ޙައްޖަށް ﷲގެ މަގުގައި ހޭދަ ކުރެވޭ ކަމެއްގެގޮތުގައި އޭގެ ޒާތުގައި ޝަރުއީ ގޮތުން މައްސަލައެއް އޮތްކަމެއްނޫން ދައުލަތުގެ ފަރާތުން އެކަން އެގޮތަށް ކުރުން. އަޅުގަނޑުމެން ސަރުކާރުން މިކުރިއަށް ގެންދަނީ ދައުލަތުގެ ޚަރަދުގައި. އެހެން އެއްވެސް ފަންޑަކުން ފައިސާ ނަގައިގެން ކުރާ ކަމެއް ނޫން. ސީދާ ދަައުލަތުގެ ޚަރަދުގައި" އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރައީސްގެ 6 މަސްދުވަހުގެ އަމާޒުގެ ތެރެއިން ހާސިލްވެގެން މިދިޔައީ ވަރަށް މުހިންމު ކަމެއްކަމަށާއި އެޅިގެން މިދިޔައީ ވަރަށް މުހިންމު ބިންގަލެއްކަމަށެވެ.