ސްކޫލްތަކުގެ ވަކި ވަކި ކުލާސްތަކުގެ މުދައްރިސުންނާއި ބެލެނިވެރިން މުޢާމަލާތުކުރުމަށް ސޯޝަލް މީޑިއާގައި ގްރޫޕްތައް ނުހެދުމަށް ތަޢުލީމީ ވުޒާރާއިން އަންގަވައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ނެރުއްވި ސަރކިއުލާއެއްގައި ވިދާޅުވީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ދަރިވަރުން ހެދުމަށް، މުދައްރިސުންނާއި ބެލެނިވެރިން މުއާމަލާތުކުރުމަށް ސޯޝަލް މީޑިއާގެ އެކި ގްރޫޕްތައް ބޭނުންކުރުމުގެ ބަދަލުގައި ދަރިވަރުންނަށް އަމިއްލަ ޒިންމާ ދަސްވާނެ ފަދަ އާދަތަކެއް އަށަގެންނެވުމަށް މަސައްކަތްކެއްކުރުމަށް އިސްކަންދޭނެޖެހޭކަމަށެވެ. އެގޮތުން ސްކޫލުން ބެލެނިވެރިންނަށް ކަންކަން އެންގުމަށް ސޯޝަލް މީޑިއާގެ ގްރޫޕްތައް ހަދައިގެން އެކަންކަން އެންގުމުގެ ބަދަލުގައި، ދަރިވަރުން މެދުވެރިކޮށް އެމުޢާމަލާތްތަކާއި އެނގުންތައް ބެލެނިވެރިންނާއި ހަމައަށް ގެންދެވޭނެފަދަ އާދަތައް އަށަގެންނެވުމަށް ވަނީ ދަންނަވާފައެވެ.
ހަމައެއާއެކު ސްކޫލްތަކުގައި ބޭނުންކުރެވޭ ސޯޝަލް މީޑިއާގެ ވަޞީލަތްތަކަކީ، އެއް ފަރާތުން މުޢަމަލާތުކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކެއްގެ ގޮތުގައި ބޭނުންކުރުމަށް މި ސަރކިއުލާގައި ވަނީ އަންގާފައެވެ. އަދި އެ ގްރޫޕްތަކަކީ ސްކޫލްތަކުގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށާއި ރަސްމީ މުޢާމަލާތުކުރުމަށް އެފަދަ ގްރޫޕްތައް ހަދާނަމަ އެގްރޫޕްތައް ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ޚާއްސަކޮށްގެން ހެދިދާނެކަމަށްވެސް ތައުލީމީ ވުޒާރާގެ ސަރކިއުލާގައިވަނީ ބަޔާންކުރައްވާފައެވެ. އަދި މުދައްރިސުންނާއި ބެލެނިވެރިން މުޢާމަލާތުކުރުމަށް ވަކިވަކި ކުލާސްތަކަށް ރަސްމީ ގްރޫޕުތައް ބޭނުން ނުކުރުމަށްވަނީ އަންގަވާފައެވެ.
މީގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރިން މުޢާމަލާތުކުރުމަށް ބޭނުންކުރާ ކޮމިއުނިޓީ ގްރޫޕްތަކަށްވެސް މެސެޖުތައް ފޮނުވާ އެންމެ ލަސްގަޑިއަކީ ސްކޫލްގެ ކިޔެވުމުގެ ދަންފަޅި ނިމޭތާ 2 ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެދުމަށް ތައުލީމީ ވުޒާރާއިންވަނީ ސްކޫލްތަކަށް އަންގާފައެވެ.
ތައުލީމީ ވުޒާރާގެ ސަރކިއުލާގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަމުގައި އަންގާ އެންގުންތައް ބެލެނިވެރިންނަށް އެންގުމަށް ގްރޫޕްތައް ބޭނުންކުރުމުގެ ބަދަލުގައި ކުދިންގެ އުނގެނުމަށް ޒިންމާވާ ބަޔަކަށް އެކުދިން ހެދުމަށް މަސައްކަތްކުރުމަށް ބާރުއެޅުއްވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
ތަޢުލީމީ ވުޒާރާއިން މިފަދައިން ބަޔާންކޮށް ސްކޫލްތަކަށް ސަރކިއުލާ ފޮނުވާފައި މިވަނީ ސްކޫލްތަކުން، ދަރިވަރުން ސްކޫލަށް ހާޒިރުވާ ދަންފަޅިއާ ދިމާކޮށް އެދުވަހެއްގައި ބޭނުންވާ ބައެއް ތަކެތި ހޯދުމަށް އަންގާކަމުގެ ޝަކުވާ ބެލެނިވެރިންގެ މެދުގައި ބޮޑުވެ އެކަމަށް ހައްލެއް ގެނެސްދިނުމަށް އެދެމުންދާ ދަނޑިވަޅެއްގައެވެ.