ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިހާތަނަށް ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ މިދިޔަ ފެބްރުއަރީ މަހުގެ4 ވަނަ ދުވަހުއެވެ.
މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެއްޅުއްވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ވަނީ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުން ދިނުމަށްފަހު ތިން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.
މަޖިލީހުން އެގޮތަށް ނިންމެވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރައްވައި ރުހުން ހޯއްދެވުމަށް އަލުން މަޖިލީހަށް ފޮނުއްވާފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އޭރު ނިންމެވީ އެ މައްސަލަ ފަސްކުރުމަށެވެ. އެގޮތުން، މައްސަލަ ފަސްކުރުމުގެ ސަބަބެއް ކަމަށް އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްލަމް ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރެއް އޮތުމުން ކަމަށެވެ.
19ވަނަ މަޖިލިސް ނިމިގެން ދިޔައިރުވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއެއް ނުކުރެއެވެ. އެހެންވެ، އެ މައްސަލަ ބެލުމަށް މިދިޔަ ހަފުތާގައި ހުވާކުރެއްވި 20 ވަނަ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރާނީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.