ޚަބަރު

ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސާ ދެމެދު ފުޅާ ދާއިރާގެ މަޝްވަރާތަކެއް


  • މަޖިލީހުގެ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި

  • ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެއްވި

  • އިޤްތިޞާދީ ދާއިރާއާއި ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފުޅާ ދާއިރާގެ މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަނީ މި ވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެއްވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ވެސް ސަރުކާރުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާއްވަވާފައިވާ ކަންކަމުގައި މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.