ޚަބަރު

ކޮންޓްރޯލް ޓެކްސީ އުފެއްދުމަށް ހަދަންޖެހޭ ސާރވޭ މިހާރު ވަނީ ނިމިފައި


  • މީޓަރު ބޯޑުތައް ވަނީ ޓެސްޓުކުރެވިފައި

  • މި މަސައްކަތުގައި ބޭނުން ކުރާނީ ބެޓްރީ ޓެކްސީ

ފުރިހަމަ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޒަމާނީ ކޮންޓްރޯލް ޓެކްސީ ލައިނެއް އުފެއްދުމަށް ހަދަންޖެހޭ ސާރވޭތައް މިހާރު ނިމިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.

ޒަމާނީ ޓެކްސީ ލައިނެއް އުފެއްދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމީ ޓެކްސީތަކުން ކަނޑައަޅައިފައިވާ އަގަށްވުރެ އިތުރަށް ފީ ނަގާކަމުގެ ކަންބޮޑުވުމާއި ޝަކުވާ އެ ވުޒާރާއަށް ލިބެމުންދާތީ އެކަން ހައްލުކުރުމުގެ މަގްސަދުގައެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ 7 ސީޓާއި 10 ސީޓުގެ އުޅަނދުތަކަށް މާލެ ސަރަޙައްދުގައި ދަތުރު ކުރެވޭނެ އަގުތައް ކަނޑައަޅާފައެވެ. މީގެ އިތުރުން ޓެކްސީތަކަށް ލަގެޖް އަރުވާއިރު 3 ލަގެޖަށް ވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ލަގެޖަކަށް އަގު ނެގޭ ގޮތް ހަދާފައިވާއިރު، މާލޭގެ ޑޮމެސްޓިކް ޓަރމިނަލަށް ދަތުރު ކުރާނަމަ އިތުރަށް ޗާޖް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޒަމާނީ ޓެކްސީ ލައިން އުފެއްދުމަށް ހަދަން ޖެހޭ ސާރވޭ މިހާރު ނިމިފައިވާކަމަށެވެ. ޓެކްސީގައި ހަރުކުރާ މީޓަރު ބޯޑުތައް މިހާރު ޓެސްޓުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ޕޯޓަލެއްވެސް އުފައްދާ ސްކޭން ޔުނިޓެއްވެސް ޤާއިމްކޮށް ނިމިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެވުޒާރާއިން ވިދާޅުވީ ވީ އެންމެ އަވަހަކަށް މި ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޓެކްސީ ލައިން ވެގެން ދާނީ އާރުޓީއެލް ފަދަ ޚިދުމަތަކަށް ކަމަށެވެ.

ރާއްޖޭގައި ތަޢާރަފްކުރެވޭ ޓެކްސީ ލައިނުގައި މިހާރުވެސް ޓެކްސީ ކުރާ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޓެކްސީ ލައިން ވެގެންދާނީ ޒަމާނަށާއި މާހައުލަށް ފެތޭ ޓެކްސީ ލައިނަކަށް ކަމަށާއި މި މަސައްކަތުގައި ބޭނުން ކުރާނީ ބެޓްރީ ޓެކްސީކަމަށް ވެސް އެ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.