ޚަބަރު

ރާއްޖެއިން މިއަހަރު ޙައްޖަށް ފުރި ފުރަތަމަ ގްރޫޕު ސައުދީއަށް ހިނގައްޖެ


  • މި ގްރޫޕަށް ސައުދީއަށް ދެވިފައިވަނީ ރާއްޖެ ގަޑިން 21:00 ގައި

  • މި ގްރޫޕްގައި 272 ޙައްޖުވެރީން ހިމެނޭ

  • 2 ވަނަ ގްރޫޕް ފުރާނީ އަންނަ މަހުގެ 3 ވަނަ ދުވަހު

ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދެވިއްޖެއެވެ. މި ގްރޫޕް ރާއްޖެއިން ފުރާފައިވަނީ މިއަދު ހަވީރު 15:25 ގައެވެ.

ރާއްޖެއިން ދިޔަ ފުރަތަމަ ޙައްޖުވެރިން ދަތުރުކުރި ސައުދީ އެއަރގެ ފްލައިޓް ޖިއްދާގެ ކިންގ އަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ ރާއްޖެ ގަޑިން މިރޭ 21:00 ގައެވެ.

އެއަރޕޯޓުން ދެން ޙައްޖުވެރިން ދަތުރުކުރާނީ ބަހުގައި މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށެވެ. ސަރުކާރުން ވަނީ ޙައްޖުވެރިންނަށް ބޭނުންވާނެ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ސައުދީގައި އިންތިޒާމްކޮށްފައި ކަމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތުދެއްވައެވެ.

ރާއްޖޭގެ ޙައްޖުވެރީން ސަޢުދީއަށް ފުރާނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގުރޫޕްގައި 272 ޙައްޖުވެރީން ވަނީ ސައުދީއަށް ގޮސްފައެވެ. އަދި އެމީހުންގެ އެހީތެރިންގެ ގޮތުގައި 26 މީހަކުވެސް ވަނީ ސައުދީއަށް ގޮސްފައެވެ.

ރާއްޖެއިން ޙައްޖާއްދާ މީހުންގެ ދެވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަހު 330 ޙައްޖުވެރީން ފުރާނެއެވެ. މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެއެވެ.

ރާއްޖެއިން ޙައްޖާއްދާ މީހުންގެ ތިންވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. މި ދުވަހު 316 ޙައްޖުވެރީން ފުރާނެއެވެ. މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި ފުރާނީ 23 މީހުންނެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖުވެރީންގެ ކޯޓާއެވެ.

މިއަހަރު ރާއްޖޭގެ ޙައްޖުވެރީންގެ ގޮތުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ 1000 މީހުންގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހަކު ހިމެނެއެވެ. މިއީ ފަގީރުންގެ ތެރެއިން 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފުރާ 50 ޙައްޖުވެރީންނެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.