ދުންފަތުން އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުމުގެ ވާހަކަތަކަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަތަކެވެ. ކެންސަރު ފަދަ ފުރާނައަށް ގެއްލުން ހުރި އެތައް ބަލިތަކެއް މި ވަބާގެ ސަބަބުން އެ ބޭނުންކުރާ މީހާއަށާއި ދުމުގެ އަސަރު ކުރާ އެތައް ބަޔަކަށް ދިމާވެއެވެ. މިކަންކަން އެނގޭއިރުވެސް ދުންފަތާ ދުރުނުވެވެނީ އެއީ އެޑިކްޓް ނުވަތަ ދެވިހިފާ ކަމަކަށްވާތީއެވެ.
ދުންފަތަށް ގިނަ ބަޔަކު ދެވި ހިފަނީ އޭގައި އެކުލެވޭ ކެމިކަލް މާއްދާއެއް ކަމަށްވާ ނިކޮޓީންގެ ސަބަބުންނެވެ. ދުންފަތް ބޭނުންކުރާ މުއްދަތުގެ ސަބަބުން އެއިން ދުރުވުން ދަތިކަމަކަށްވެއެވެ. ކުޑައިރުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މެދުއުމުރަށް ދިއުމުން ނުވަތަ މުސްކުޅިވުމުން އެ ވަބާއިން ސަލާމަތްވާން އުޅުނު ކަމުގައިވިޔަސް އެކަން ކުރަން ދަތިވާނެއެވެ. އެހެން ނުރައްކާތެރި އެޑިކްޝަންތަކާ އެއްގޮތަށް ދުންފަތަކީ ވެސް ވަރަށް ނުރައްކާތެރި އެޑިކްޝަނެކެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދުންފަތް މާނަ ކުރަނީ ސިނގިރޭޓާއި ދުފާއިރު ބޭނުންކުރާ ދުންފަތަށެވެ. ނަމަވެސް ދުނިޔޭގައި ދުންފަތުގެ އިންޑަސްޓްރީއަށް އަންނަ ބަދަލުތަކާއެކު އައު އުފެއްދުންތައްވެސް އަންނަނީ ބާޒާރަށް ތައާރަފުވަމުންނެވެ. މީގެ ތެރޭގައި ވޭޕަކީ ރާއްޖޭގައި މިހާރު އާންމުވަމުން އަންނަ އެއް އުފެއްދުމެވެ.
ވޭޕް ރާއްޖެއަށް ތައާރަފު ވެގެންއައީ ސިނގިރޭޓާއި އިންސާނާ ދުރުކޮށްލަދޭނެ އެއްޗެއްގެ ގޮތުގައެވެ. އެއިން ގެއްލުން ނުވާނެ ކަމަށް ވަކާލާތުކުރަމުންނެވެ. މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވެސް "ޓްރެންޑް"ގެ ތެރެއަށް ވަނުމަށް ވޭޕް ބޭނުންކުރަން ފެށީއެވެ. އޭގައި ހިމެނޭ ތަފާތު މީރު ވަސްތަކުގެ ސަބަބުން އާންމު ތަންތަނުގައިވެސް ވޭޕް ބޭނުންކުރުން އާންމުކަމަކަށް ވަނީ ވެފައެވެ. ވޭޕްގެ އިތުރުން ޝީޝާ ބޭނުންކުރުމަކީ މިއަދު ރާއްޖޭގެ ޒުވާނުންގެ މެދުގައި "ޓްރެންޑެ"ކެވެ.
ވޭޕާއި ޝީޝާއަކީ ސިނގިރޭޓަށްވުރެ ރަނގަޅު އެއްޗެއްކަމަށް ހީކުރެވުމަކީ ކުށްހީއެކެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ވޭޕް ބޭނުންކުރާ މީހުންގެ ނޭވާލާ ނިޒާމު ބަލިކަށިކޮށްލައެވެ. އޭގައިވެސް ހަށިގަނޑަށް ގެއްލުންދޭ އަދި ދެވިހިފާ, ނިކޮޓީން މާއްދާ އެކުލެވެއެވެ. އެހެންކަމުން ވޭޕް ބޭނުންކުރާއިރު ކައިރީގައި ތިބޭ މީހުންނަށް ވެސް އޭގެ އަސަރުކުރާނެއެވެ.
ކުންފުނިތަކުން ބޭނުންވާނީ އެބައެއްގެ ވިޔަފާރި ކުރިއެރުވުމަށެވެ. ވިޔަފާރިއެއް ކުރިއެރުވޭނީ ކަސްޓަމަރުން އުފައްދައިގެންނެވެ. އެހެންވެ, ދުންފަތުގެ އެކި އުފެއްދުންތައް ވިއްކާ ކުންފުނިތަކުގެ ޓާގެޓަކަށްވަނީ ޒުވާނުންނާއި ކުޑަކުދިންނެވެ. ވޭޕާއި ޝީޝާ ބޭނުންކޮށްގެން ތަފާތު ގޮތްތަކަށް ދުންއަރުވާ ވީޑިއޯތައް އާންމުކޮށް, ޒުވާނުންނާއި ކުޑަކުދިންގެ ޝައުގުވެރިކަން ދަމައިގަތީއެވެ. އޭގެ ސަބަބުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކަން ޓްރެންޑަކަށްވެ, އެވަބާގައި އެތައް ބަޔަކު ވަނީ ޖެހިފައެވެ.
ވޭޕާއި ޝީޝާއަކީވެސް ރައްކާތެރި އެއްޗެއް ނޫންކަން އާންމުންނަށް އެނގި ހޭލުންތެރިވާން ފެށުމުން, ތަފާތު ރަހަތައް ތައާރަފުކޮށް, ދުން ނާރާ ގޮތްތަކަށް ވެސް ވޭޕުތައް އުފައްދަން ވަނީ ފަށައިފައެވެ. އަދި ވޭޕުގެ ޑިޒައިންތައް ބަދަލުކޮށް, އާންމުކޮށް ހިފައި ގެންގުޅޭ ފަދަތަކެތި ގޮތަށް ވޭޕުތައް ހަދައި ބާޒާރަށް ނެރެން މިހާރު ވަނީ ފަށައިފައެވެ. މީގެ ސަބަބުން ކުއްޖާ ވޭޕެއް ގެންގުޅުނުކަމުގައިވިޔަސް ބައެއް ފަހަރު އެކަން ބެލެނިވެރިންނަށް ފާހަގަނުކުރެވެއެވެ.
ރާއްޖޭގައިވެސް މިހާރު ފެންނަނީ މި މަންޒަރެވެ. ދުންފަތް ހިމެނޭ ބާވަތްތައް ވިއްކާ ފަރާތްތަކުން ޒުވާނުންނާއި ކުޑަކުދިން ޝައުގުވެރިކުރުވުމަށް ތަފާތު އުކުޅުތައް ބޭނުންކޮށްގެން އެތަކެތި ޕްރޮމޯޓް ކުރާ މަންޒަރެވެ. ތަފާތު ރަހަތަކާއި ޑިޒައިންތައް ތައާރަފުކޮށް ވިޔަފާރި ފުޅާކުރުމަށް ޖީލެއް މި ވަބާގެ ތެރެއަށް ވައްދަމުންދާ މަންޒަރެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ދުނިޔޭގައި ދުންފަތުގެ އެކި އުފެއްދުންތަކުގެ ވިޔަފާރި މިއަހަރު 965.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި ކޮންމެ އަހަރަކު މިއަދަދު 2.54 އިންސައްތައަށް އިތުރުވާނެ ކަމަށްވެސް ލަފާކުރެއެވެ. އެހެންކަމުން މި ވިޔަފާރި ނެތިގެންދާން ބަޔަކު ބޭނުންނުވާނެކަން އެނގިތިބެ ލަސްނުވަނީސް އަޅުގަނޑުމެންގެ ޅަ ދަރިން މިވަބާއިން ސަލާމަތް ކުރަންޖެހެއެވެ. އެއީ ގަވާއިދުތަކާއި ޤާނޫނުތައް ވަރުގަދަކޮށްގެން ނަމަވެސް އަޅަން މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތާ ދެކޮޅަށް ހެދިފައިވާ ޤަވާއިދުތައް ހަރުދަނާ ކުރުން ހިމެނެއެވެ. ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން އައި.ޖީ.އެމް.އެޗުގައި "ސްމޯކިން ސެސޭޝަން ކްލިނިކް"އެއް ހުޅުވައި އަންނަނީ ޚިދުމަތް ދެމުންނެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިތުރަށް ވޭޕު ބޭނުންކުރާ ޒުވާނުންގެ ޢަދަދުވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް އިޞްލަހު ގެނައުމަށް ނިންމަވާފައިވާކަން ދާދިފަހުން މަޖިލީހުގެ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އަޙްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.
"ދިގު މުއްދަތަކަށް ވޭޕު ބުއިމަކީ މިހާރު ވަރަށް ގިނަ ދިވެހި ޒުވާނުން ކުރާ ކަމެއް. އެމީހުން ބަލިވީމާ އާސަންދައިގެ ދަށުން އެއަށް ފަރުވާ ހޯދަދޭން ޖެހެނީ. ވޭޕު ކުރުން މިހާ ޢާންމުވެގެން މިއުޅެނީ ކިއްވެގެންތޯ އަޅުގަނޑުމެން ބަލަން ޖެހޭ. އެއީ ވޭޕަށް ޓެކްސް ނުނެގޭތީ. ދުންފަތާބެހޭ ޤާނުނު ދަންނަ އެއްޗެއް ނޫން ވޭޕަކީ. އެހެންވީމަ ސިގިނރޭޓަށް ޓެކްސް ނަގާ ގޮތަށް ވޭޕަށް ޓެކްސް ނެގޭކަށް ނޯވޭ. އަގުހެޔޮވެގެން ގޮއްސަ މީތި ޢާންމުވެގެން މިއުޅެނީ." މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ޤާނޫނަށް އިޞްލާހު ގެނެސްގެންވެސް ދުންފަތުގެ އިސްތިޢުމާލުކުރުމުން އަދުގެ ކުޑަކުދިންނާއި ޒުވާނުން ދުރުހެލިކުރުމަކީ ދުޅަހެޔޮ މުޖުތަމަޢުއަކަށް ކުރުން މުހިންމުކަމެކެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުން އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ"ޕްރޮޓެކްޓިން ޗިލްޑްރެން ފްރޮމް ޓޮބެކޯ އިންޑަސްޓްރީ އިންޓަފިއަރެންސް" ނުވަތަ ދުންފަތަށް އަހުލުވެރިކުރުވުމަށް ދުންފަތުގެ ސިނާޢަތުން ކުރާ މަސައްކަތުން ކުޑަކުދިން ދުރުހެލިކުރުމެވެ. މި ޝިއާރުގެ ބޭނުމަކީ ކުޑަކުދިންނާއި ކުރިއަށް އަންނަން އޮތް ޖީލުތައް، ދުންފަތުގެ ސިނާޢަތުން ސަލާމަތްކުރުމެވެ.
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އެކަނިވެސް 13 އަހަރާއި 15 އަހަރާ ދެމެދުގެ 38 މިލިއަން ކުދިން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. މިއީ ކަންބޮޑުވާން ޖެހޭ ޢަދަދުތަކެކެވެ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް މި ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.