ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ގަރާޖުތަކަށް ރަޖިސްޓްރީ ކުރުމާއި ގޭގެ ވެރިފަރާތަށް ނޭނގި އޮޅުވާލައިގެން ގަރާޖު ސިޓީ ހަދާފައިވާ މައްސަލަތައް ބެލުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އާ ސަރުކާރު ހަވާލުވެ ފުރަތަމަ 6 މަސް ދުވަހު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތަފްސީލް ޙިއްސާކުރަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ގަރާޖު ސިޓީގެ މައްސަލަ ސީރިއަސް ބޮޑު މައްސަލައެއްގެ ގޮތުގައި އެވުޒާރާއިން ބަލަމުންދާކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ ވެރިފަރާތަށް ނޭންގިއެ ގެތަކުގެ ނަމުގައި ސިޓީ ހަދައި ވިއްކަމުން ދިޔަ މައްސަލަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގަރާޖެއް ނެތް ގޭގެއާ ތަންތަން، ގަރާޖުގެ ގޮތުގައި ކަނޑައަޅައިގެންވެސް ސިޓީ ހަދާފަ ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އޮޅުވާލައިގެން ގަރާޖު ސިޓީ ހަދަމުންދިއުމުގެ ސަބަބުން، އެކަންކަމުގައި އެއްވެސް ވަރަކަށް ޝާމިލުނުވާ ރައްޔިތުންގެ ޙައްގުވެސް ގެއްލިގެން ގޮސްފައިވާކަމަށެވެ. އެއީ ވަރަށް ބޮޑެތި އޮޅުވާލުންތަކެއްކަމަށާއި އެ މައްސަލަތައް ބެލުމަށް، ކަމާގުޅޭ ފަރާތްތަކަށް ހުށައަޅާނެކަމަށް ވިދާޅުވިއެވެ.
"ފޭކު ގަރާޖު ސިޓީގެ މައްސަލައިގައި އެކަން ބެލުމަށް އޭސީސީއާއި ޕޮލިހަށް ހުށައަޅާނަން. ޤާނޫނީ ފިޔަވަޅު އަޅަން އަޅުގަނޑުމެންނަށް ޖާގައެއް ނޮވެ. އެކަމަކު ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދަނީ ބަލަމުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިނިސްޓްރީގައި ވެހިކަލް ރަޖިސްޓަރީކުރުމުގެ ކަންކަން ބަލަހައްޓަމުންދާ ސޮފްޓްވެއަރގެ އެކްސެސް، އެކަމާ ނުގުޅޭ މީހުންގެ އަތުގައި ހުރިކަމުގެ މައްސަލަތައްވެސް ފެންމަތިވެފައިވާކަމަށެވެ. އެހެންކަމުން ވުޒާރާގެ މަސައްކަތްތައް ބަލަހައްޓާ ސޮފްޓްވެއަރތައް ވަރުގަދަކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަމަށެވެ.
2019ވަނަ އަހަރު އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރިއިން ހާމަކުރި މަޢުލޫމާތަކަށް ބަލާއިރު 1 ގަރާޖެއްގައި 1700 ކާރު ރެޖިސްޓްރީކޮށްފައިވާކަމަށް ހާމަކޮށްފައިވެއެވެ. ގަރާޖު ސިޓީގެ މައްސަލައަކީ ބޮއްސުންލާފައިވާ ބޮޑު މައްސަލައެކެވެ. އެއްވެސް ހަމައެއްނެތި އުޅަނދުތައް ރަޖިސްޓްރީ ކުރަމުންދިއުމުގެ ސަބަބުން ޚާއްސަކޮށް މާލޭގައި އެއްގަމު އުޅަނދު ގިނަވެ ތޮއްޖެހުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.