ޚަބަރު

15 އަތޮޅެއްގައި ޕަބްލިކް ވަރކްސް ތައާރަފުކުރަން އަންނަ އަހަރު ބަޖެޓުގައި ހިމަނާނަން: ވަޒީރު


  • މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާކަމެއް

  • މިހާރު ހުރި ސައިޓުތަކުގައި ހުރި މައްސަލަތައްވެސް ހައްލުކުރާނެ

ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވަރކްސް ނުވަތަ ޢާންމު ޚިދުމަތް ތަޢާރަފު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕަބްލިކް ވަރކްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެމަނިކުފާނުގެ އިރުޝާދުފުޅާއެކު އެ ވުޒާރާއިން މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި މިހާރު ހުރި ސައިޓުތަކުގައި މައްސަލަތައް ހައްލުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމާއި ކައުންސިލްތަކާއެކު މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެއް ކަމަށެވެ. އެހެންކަމުން ޕަބްލިކް ވަރކްގެ ޚިދުމަތްވެސް ފުޅާކުރުމަށް ކައުންސިލްތަކާއެކު މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުއްލިއަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޕަބްލިކް ވަރކްގެ މޮބައިލް ޔުނިޓުތައް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ބައެއް ރަށްރަށަށް އެ ރަށްރަށުގެ ފަޅު ތިލަވީމާ އެމްޓީސީސީން ނުވަތަ އެހެން ވުޒާރާއަކުން އެކަން ކުރުމަށްވުރެ ޕަބްލިކް ވަރކްސް މެދުވެރިކޮށް އެ ރަށެއްގެ ރައްޔިތުންނަށް ދިމާވާ މިބާވަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ ޕަބްލިކް ވަރކްސް މާ ފަރިތަކަމާއެކު ކުރަމުންދާ ކަމެއް. އެހެންވީމާ މި ބާވަތުގެ މަސައްކަތްތައް ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތަކަށް މޮބައިލް ޔުނިޓުތަކެއް ތައްޔާރުކުރުމަކީ ވެސް އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ކުރަމުންދާނެ މަސައްކަތްތަކެއް،" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ހަ މަސްދުވަހުގެ ތެރޭގައި ސިޓީތަކާ ބެހޭ ވުޒާރާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ކައުންސިލްތައް ބާރުވެރިކުރުވުމާއި ޕަބްލިކް ވަރކްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްގެންދެވޭނީ މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ އެކަމުން އަރައިގަތުމަށް ދާއިރާގެ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.