ޚަބަރު

ވިޔަފާރިތަކަށް ފުރުސަތު ހޯދާދިނުމަށް ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވެއްޖެ


  • ބީސީސީން އިންވެސްޓަރުންނާއި ބައްދަލުކުރާނެ

  • މިހަރަކާތް ކުރިއަށްދާނީ މިމަހުގެ 28 އިން 29 އަށް

ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާއި ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ރާއްޖޭން ބޭރުގައި ހުރި ފުރުޞަތުތައް ދެނެގަތުމަށްޓަކައި ބީސީސީން އައިއޯރާ ބިޒްނަސް ކޮންކްލޭވް 2024ގައި ބައިވެރިވެއްޖެއެވެ.

މިބިޒްނަސް ކޮންކްލޭވްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ އިންވެސްޓަރުންނާއި ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންކަމަށް ބީސީސީންވަނީ ބުނެފައެވެ. އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ކުރެވިދާނެ އިންވެސްޓްމަންޓުތައް ދެނެގަނެ އެފަދަ ފުރުޞަތުތައް ފަހި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ބިސީސީން މަޝްވަރާކުރާނެކަމަށް ވަނީ ބުނެފައެވެ.

މިމަހުގެ 28 އިން 29 އަށް ކުރިއަށްދާ އައިއޯރާ ބިޒްނަސް ކޮންކްލޭވް ކުރިއަށްދަނީ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައެވެ. މި ކޮންކްލޭވްގައި އެ އެސޯސިއޭޝަނުގައި ހިމެނޭ 23 މެންބަރު ޤައުމަކުންނާއި 12 ޑައިލޮގް ޕަރޓްނަރުން ބައިވެރިވެއެވެ.

މިއީ އެކި ޤައުމުތަކުގެ މުއައްސަސާތަކާއި، އިންވެސްޓަރުންގެ އިތުރުން ވިޔަފާރި ކުންފުނިތައް އެއްތަންވެ، ތަޢާރަފްވުމަށާއި ވިޔަފާރިއާ ގުޅުންހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް މަގު ތަނަވަސްކުރުމުގެ ގޮތުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުން ބާއްވާ ހަރަކާތެކެވެ.