ވިޔަފާރި

ޢިމާރާތްކުރުމުގެ ދާއިރާގައި ހިންގުނު ޕްރޮޖެކްޓްތައް އިތުރުވެއްޖެ


ރާއްޖޭގައި ޢިމާރާތްކުރުމުގެ ޕްރޮޖެކްޓްތައް ހިންގި ޢަދަދު މިދިޔަ އަހަރުގެ، ފަހު ތިންމަސް ދުވަހާ އަޅާބަލާއިރު 79 އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމްއެމްއޭއިން ނެރުއްވާފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ވިޔަފާރިއާބެހޭ ރިޕޯޓްގައެވެ. މި ރިޕޯޓުގައިވާގޮތުން ޢިމާރާތްކުރުމުގެ ދާއިރާއިން އުފެދުނު ވަޒީފާގެ ފުރުޞަތުތައްވެސް ވަނީ އިތުރުވެފައެވެ. އަދި މި ކުއާޓަރގައި ޢިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތަކަށް ފައިދާވެފައިވާކަމަށް މި ސާރވޭގައި ބައިވެރިވި %33 އިންސައްތަ ވިޔަފާރިން ބުނެފައިވެއެވެ. 

މަރުކަޒީ ބޭންކުން ނެރުއްވާފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ބިޒްނަސް ސާވޭގައި ބައިވެރިވި، ގިނަ ވިޔަފާރިތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ގަންނަން ލިބުނު އަގުތައް މިދިޔަ ކުއާޓަރގައި ބޮޑުވެފައިވާއިރު، މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދުތައްވެސް ވަނީ ބޮޑުވެގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ސާވޭގައި ބައިވެރިވި %50 ވިޔަފާރިވެރިން ބުނެފައިވަނީ އެ މީހުން ނަގާ އަގުތައް ވަރަށް ބޮޑުތަން ބޮޑުވެފައިވާ ކަމަށެވެ. އަދި %65 ވިޔަފާރިތަކުން ބުނަނީ އެ މީހުންގެ މާލީ ޙާލަތު ހުރީ ހަމަ ހުރި ހިސާބުގައި ކަމަށެވެ. އަދި %57 ވިޔަފާރިވެރިން ބުނެފައި ވަނީ ވިޔަފާރި ކުރަން ބޭނުންވާ ކެޕިޓަލް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.