ޚަބަރު

މާރޗް މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ ޖަމާވެފައިވޭ


  • އެންމެ ބޮޑު އަދަދެއް ލިބުނީ ރިސޯޓްތަކުން

  • އަތޮޅުތަކުން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ކ. އަތޮޅުން

މިއަހަރުގެ މާރޗް މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މާރޗް މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ. އެއީ 102 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ގެސްޓްހައުސްތަކުންނެވެ. އެއީ 6.5 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން ހޮޓެލްތަކުން 2.5 މިލިއަން ރުފިޔާ، ސަފާރީ އުޅަނދުތަކުން 2.4 މިލިއަން ރުފިޔާ އަދި ހޯމްސްޓޭއިން 13،952 ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު މިއަހަރުގެ މާރޗް މަހު ގްރީން ފަންޑަށް އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 36 މިލިއަން ރުފިޔާއެވެ. 12 މިލިއަނާއެކު 2 ވަނަގައި އޮތީ އދ. އަތޮޅެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެއީ 10 މިލިއަން ރުފިޔާއެވެ.

މި މުއްދަތުގައި ގްރީން ފަންޑުން 19 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ރާއްޖޭގެ އެކި ރަށްރަށުގެ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށްކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެގޮތުގައި ނަގައެވެ.